ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާ އެލް-ކްލެސިކޯ މެޗުގެ އިންތިޒާރުގައި ގިނަ ފުޓްބޯޅަ ސަޕޯޓަރުން ތަކެއް ތިބީ މަޑު ކޮށްގެންނެވެ.
މިއީ 2021/22 ސީޒަނުގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ލަލީގާގައި މިރޭ މި ދެޓީމު ކުރިމަތިލާއިރު، ރެއާލް އޮތީ 17 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ. ތާވަލުގެ އަށް ވަނައިގައި ބާސާ އޮތީ 15 ޕޮއިންޓު ލިބިގެންނެވެ. މިރޭގެ މެޗުން މޮޅު ވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލްއަށް އެބައޮތެވެ. އަދި މިރޭގެ މެޗު ކާމިޔާބު ކޮށްގެން ރެއާލް ފަހަތަށް ޖައްސާލައި ތާވަލުގެ ދެވަނައަށް ޖެހިލަން މިއީ ބާސާއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މިހާތަނަށް މި ދެޓީމު ވަނީ 245 މެޗެއްގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 98 މެޗުން ރެއާލް މޮޅުވި އިރު، ބާސާ ކުރި ހޯދީ 95 މެޗުންނެވެ. އަދި 52 މެޗުން މި ދެޓީމު ވަނީ އެއްވަރު ވެފަ އެވެ. ބާސާ އާއި ރެއާލް މިރޭގެ މެޗަށް ނިކުންނަ އިރު ދެޓީމުގެ ކޯޗުންގެ ވިސްނުން ހުރީ ވަރަށް ތަފާތު ކޮށެވެ.
ބާސާގެ ކޯޗު ކޫމަން
މިދިޔަ ސީޒަނުގައި ކުޅުނު ދެ އެލް-ކްލެސިކޯއިން ރެއާލް ކުރި ހޯދާފައި ވުމާއި އެކު މިރޭގެ މެޗަށް ރޮނާލްޑް ކޫމަން ނިކުންނާނީ ކްލެސިކޯއެއްގައި އޭނާގެ ފުރަތަމަ މޮޅު ހޯދުމަށެވެ. އަދި އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ބާސާއަށް ކާމިޔާބު ހޯދޭނެ ކަމަށް ކޫމަން ގަބޫލު ކުރެ އެވެ.
މި މެޗަށް ނުކުންނަ އިރު ލީގުގައި އެންމެ ފަހުން ކުޅުނު ދެ ކާމިޔާބު ކުރެވިފައި އޮތުމަކީ ބާސާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. "މި މެޗަށް އަހަރެން މިހުރީ ވަރަށް ކެތް މަދުވެފައި. ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް އަހަރެން އުންމީދު ކުރަން. އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ކުރެވޭނެ ކަންތައް. އަމިއްލަ ދަނޑުގައި ކުޅޭއިރު އަހަރެން ބިރެއް ނުގަނޭ" ޕްރީމެޗް ކޮންފަރެންސްގައި ކޫމަން ބުންޏެވެ.
ދެ ޓީމުން ވެސް މިރޭގެ މެޗަށް ނިކުންނަނީ ވަރަށް ބައިވަރު ކަންތައް ތަކެއް ހާސިލު ކުރަން ކަން ފާހަގަ ކުރަމުން ކޫމަން ބުނީ މިދިޔަ އަހަރު ވީގޮތް (ދެ މެޗުން ވެސް ބާސާ ބަލިވުން) ހަނދާން ނުނެތޭ ކަމަށެވެ. އެކަމަކު މިހާރު ހާލަތު ބަދަލު ވެއްޖެ ކަމަށާއި މިރޭގެ މެޗުން ދެ ޓީމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ކޫމަން ބުނީ މިރޭގެ މެޗަށް ނިކުންނަ އިރު ބާސާއިން ސަމާލުކަން ދޭނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ކަމަށެވެ. އަދި ރެއާލުން ކުރާ ކައުންޓާ އެޓޭކުތައް ވަރަށް ނުރައްކާތެރިކަން ފާހަގަ ކުރަމުން ކޫމަން ބުނީ އެ ކައުންޓާ އެޓޭކުތައް ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށެވެ.
ބާސެލޯނާގެ ކޯޗު ކަމުގެ ކެރިއަރުގައި އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ މިރޭގެ މެޗު ކާމިޔާބު ކުރުން ކޫމަންއަށް ވަރަށް މުހިންމެވެ.
ރެއާލްގެ ކޯޗު އެންޗެލޯޓީ
ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީގެ ރާގު ހުރީ ކޫމަން އާއި ވަރަށް ތަފާތު ކޮށެވެ. އެންޗެލީޓޯ ބުނީ މި މެޗަށް ނުކުންނަ އިރު ކޮންމެވެސް ވަރަކަށް ބިރު ގަތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. "އެއީ އާންމު ކަމެއް މިކަހަލަ ބޮޑެތި މެޗު ތަކަށް ނުކުންނައިރު ބިރު ގަތުން. އެއީ ރަނގަޅު ކަމަކަށް ވެދާނެ. ބިރެއް ނެތި ބުޅަލެއް ކަމަށް ހީކޮށްގެން ސިންގާ އަކާއި ކުރިމަތިލައިފި ނަމަ އޭގެ ނަތީޖާ އެހާ ރަނގަޅު ނުވެދާނެ،" ޕްރީމެޗް ކޮންފަރެންސްގައި އެންޗެލޯޓީ ބުންޏެވެ.
މި މެޗާއި ކުރިމަތިލާއިރު، ޑެނީ ކަވާހަލް އާއި އެޑެން ހަޒާޑު އަނިޔާއިން ސަލާމަތްވެ ޓީމައި ގުޅުމަކީ އެންޗެލޯޓީއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމެޖެހުމެކެވެ. އެކަމަކު މި މެޗުގެ ފުރަތަމަ 11 އިން މި ކުޅުންތެރިން ނުފެނިދާނެ ކަމުގެ ސިގްނަލެއް ދެމުން އެންޗެލޯޓީ ބުނީ ކުޅުންތެރިއަކު އަނިޔާއިން ސަލާމަތް ވެގެން އަންނަ އިރަށް ސީދާ ފުރަތަމަ 11 އިން ޖާގަ ނުދެވިދާނެ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކީ ވެސް ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ބެންޗުން ކުޅެން ނިކުމެ ވެސް ތަފާތު ދެއްކިދާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ކުޅުނު ދެ އެލް-ކްލެސިކޯ ބަލައި އޭގެން މައުލޫމާތު ނަގާފައި ވާނެކަން ފާހަގަ ކުރަމުން އެންޗެލޯޓީ ބުނީ ރެއާލްގެ ސްޓައިލުގައި މިރޭގެ މެޗަށް ނުކުންނާނީ އެހުރިހާ ކަމަކަށް ތައްޔާރު ވެގެން ކަމަށެވެ. އެންޗެލޯޓީ ބުނީ މިހާތަނަށް ކޭމްޕް ނުއޯގައި އޭނާއަށް ކާމިޔާބީއެއް ހޯދިފައި ނުވާ ކަމަށާއި މިއީ އެފަހަރަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު މިއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.