ކުޅިވަރު

ރެއާލް ބަލިވިއިރު ބާސެލޯނާ އެއްވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލީގުގައި އިއްޔެ ރެއާލް މެޑްރިޑް މަޔޯކާއާ ވާދަކުރި މެޗުން 0-1 އިން ބަލިވިއިރު ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 0-3 އިން ސެވިއްޔާ ބަލިކޮށް ލީގު އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ އަށް އެއްވަނައިގައި ބޮޑު ލީޑެއް ލިބުމާ އެކު އެޓީމާ އަރާ ހަމަކުރަން ރެއާލަށް ދެން އޮތީ އުނދަގޫ ދަތުރެކެވެ. ބާސެލޯނާ އަށް 53 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

ރެއާލްއާ ފަރަގު ކުޑަކުރަން ރޭ ރެއާލް ސޮސިއެޑާޑަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެޓީމު ވަނީ އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑް އަތުން 1-0 އިން ބަލިވެފަ އެވެ. މިއާއެކު ސޮސިއެޑާޑް ތިންވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ.

މަޔޯކާ އިން ރެއާލް ކޮޅަށް ޖެހި ހަމައެކަނި ގޯލަކީ 13 ވަނަ މިނެޓުގައި ނަޗޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން 59 ވަނަ މިނެޓުގައި ރެއާލް އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު މާކޯ އަސެންސިއޯ ފޮނުވާލި ޕެނަލްޓީ މަޔޯކާގެ ގޯލްކީޕަރު ޕްރެޑްރަގް ރަޖްކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ބާސެލޯނާ އިން ސެވިއްޔާ ބަލިކުރީ ދެވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު 58 ވަނަ މިނެޓުގައި ޖެހީ ޖޯޑީ އަލްބާ އެވެ. އޭގެފަހުން 70 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ގަވީ އެވެ. އޭގެ ނުވަ މިނެޓު ފަހުން ބާސެލޯނާގެ ފަހު ގޯލު 79 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ.

މޮޅުވިޔަސް ބާސެލޯނާ އަށް ލިބުނު ނުތަނަވަސް ކަމަކީ މެޗު ފެށިތާ ހަތަރު މިނެޓު ތެރޭ ސާޖިއޯ ބުސްކެޓްސް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. މި މަހު ގިނަ މެޗުތަކެއް ކުޅެންޖެހޭއިރު ބާސެލޯނާ އިން ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ވެސް ނުކުންނާނެ އެވެ.

ބާސެލޯނާ އަތުން ބަލިވި ސެވިއްޔާ މި ސީޒަނުގައި ފެންނަނީ ދަށްކޮށެވެ. 20 މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެޓީމު އޮތީ 16 ވަނައިގަ އެވެ.