ކުޅިވަރު

ރެއާލުން ބިލްބާއޯ ބަލިކޮށްފި، ބާސެލޯނާ މޮޅުކޮށްދިނީ ޕެޑްރީ

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑް 2-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކުރިއިރު ޕެޑްރީގެ ގޯލުން ބާސެލޯނާ 1-0 އިން ގެޓާފޭ ބަލިކޮށްފި އެވެ.

ލީގުގެ އެއްވަނައިގައި ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެއްގަ އެވެ. އެޓީމަށް 44 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. 31 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ރޭ ރެއާލް މޮޅުވިއިރު ކަރީމް ބެންޒެމާ ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހައިފަ އެވެ. ބެންޒެމާ ރެއާލަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި 24 ވަނަ މިނެޓުގަ އެވެ. މިއީ ލީގުގައި ބެންޒެމާ ޖެހި ނުވަ ވަނަ ގޯލެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 18 މެޗުގައި ބެންޒެމާ ވަނީ ރެއާލަށް 12 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ރެއާލްގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮނީ ކްރޫސް އެވެ. މިއީ ޒުވާން ފޯވާޑް ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްރޫސް ޖެހި ލަނޑެކެވެ.
ބާސެލޯނާ ރޭ މޮޅުވި މެޗުގެ ހަމައެކަނި ގޯލު 35 ވަނަ މިނެޓުގައި ޕެޑްރީ ޖެހީ ރަފީނިއާ ދިން ބޯޅައަކުންނެވެ.

މެޗަށް ބާސެލޯނާ ނުކުތީ ސަސްޕެންޝަނުގައި ހުރި އެޓީމުގެ އެއްވަނަ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި ފެރާން ޓޮރޭޒް ނުލަ އެވެ.

ގެޓާފޭ އިން މެޗުގައި ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން ވަނީ މަތަކޮށްފަ އެވެ. މި ސީޒަނުގެ ލީގުގައި ބާސެލޯނާ ކޮޅަށް އަދި ވަނީ އެންމެ ހަ ގޯލެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ބަލިވެފައެއްނުވެ އެވެ. ބާސެލޯނާ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ސްޕެނިޝް ކަޕްގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. ސަސްޕެންޝަނަށް ފަހު އެ މެޗުގައި ލެވަންޑޯސްކީ ކުޅޭނެ އެވެ.