ކުޅިވަރު

ބާސެލޯނާ ހޯދި މޮޅާ އެކު ޕްރެޝަރު ރެއާލް އަށް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ލީގު އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި ކުޅުނު 18 މެޗުން 47 ޕޮއިންޓް ބާސެލޯނާ ހޯދާފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އެހެންވެ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ރެއާލަށް އޮތީ ޕްރެޝަރެވެ.

ލީގުގައި މިރޭ މެންދަމު އެކެއް ޖަހާއިރު ރެއާލް ނުކުންނާނީ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. 38 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތް ސޮސިއެޑާޑް އަކީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު 61 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ޕެޑްރީ އެވެ. ރޭގެ މެޗަކީ ޕެޑްރީ ބާސެލޯނާ އަށް ހުރިހާ މުބާރާތެއްގައި ކުޅުނު 100 ވަނަ މެޗެވެ. އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަނުގެ ލީގުގައި ފަސް ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ ރޭގެ މެޗު ކުޅުނީ ސަސްޕެންޝަނުގައި ތިބި ރޮބާޓް ލެވަންޑޯސްކީ އާއި ފެރާން ޓޮރޭޒް ނުލަ އެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި އުސްމާން ޑެމްބެލޭ އަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގައި ޖިރޯނާ އަށް ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާ އެވެ. އެޓީމު އޮތީ ލީގުގެ 12 ވަނައިގަ އެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ބަލިވީ މިދިޔަ އޮކްޓޯބަރު މަހު ރެއާލް އަތުންނެވެ. އޭގެފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުވި އެވެ. ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައެއްނުވެ އެވެ.

މި ސީޒަނުގައި ލީގަށް ވާދަކުރަމުން އަންނަ ބާސެލޯނާ އަށް އެންމެ ފަހުން ލީގު ލިބުނީ 2019 ވަނަ އަހަރު އެވެ.