ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑެނީ ކަވާހާލްގެ ލަނޑާއި އެކު ރެއާލުން ލަލީގާގައި ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަލާވޭސް އާއި ވާދަކޮށް 3-0 އިން ރެއާލް މޮޅުވި އިރު، ދެވަނަ މެޗުގައި ރެއާލް ވަނީ ލެވާންޓޭ އާއި 3-3 އިން އެއްވަރު ވެފަ އެވެ. އަދި ރޭގެ މެޗުގައި ރެއާލް ބެޓިސް އާއި ވާދަކޮށް ރެއާލް މެޑްރިޑް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. މިއާއި އެކު ކުޅުނު ތިން މެޗުން ވެސް ބަލިނުވެ ރެއާލުން ވަނީ ލީގުގެ އެއްވަނަ އަށް އަރާފަ އެވެ.
ބެޓިސްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗު ފެށުނު ގޮތަށް މެޑްރިޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އޭގެ ތެރެއިން ވިނީޝިއަސް ޖޫނިއާ ދިން ކަޓް ޕާހަކުން ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކުރެވެ އެވެ. ބެންޒެމާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އަދި ބެޓިސް ޓީމުގެ ނަބީލް ފެކިރް ފޮނުވާލި ހިލޭ ޖެހުން މެޑްރިޑްގެ ކީޕަރު ތިބާއޫ ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ.
މެޑްރިޑުން އެޓީމުގެ ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ބެންޒެމާ ނަގައިދިން ހުރަހަކުން ވޮލީއެއް ޖަހައިގެން ކަވާހާލް ކާމިޔާބު ކޮށްދިން ގޯލެކެވެ.
މި މޮޅާއި އެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ހަތް ޕޮއިންޓާއި އެކުގަ އެވެ. ލީގުގައި ދެން ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހޭނީ ސެލްޓާ ވީގޯއާ އެވެ. މި މެޗު އޮންނާނީ ސެޕްޓެމްބަރު 11 ގައެވެ.
ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، އެލްޗޭ އާއި ސެވިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެސްޕަންޔޯލް އަތުން 1-0 އިން މަޔޯކާ މޮޅުވި އިރު، އެތުލެޓިކް ކްލަބް އަތުން ސެލްޓާ ވީގޯ ބަލިވީ 1-0 އިންނެވެ. ލެވާންޓޭ އަތުން ރެއާލް ސޮސައީޑާ މޮޅުވީ 1-0 އިންނެވެ. ވެލެންސިއާ އިން އަލާވޭސް ބަލިކުރީ 3-0 އިންނެވެ. އަލާވޭސް ކުޅުނު ހުރިހާ މެޗަކުން ބަލިވެ މިހާރު އޮތީ ތާވަލުގެ ފުލުގަ އެވެ.