ޕީއެސްޖީ

ރެއާލްއަށް އަދަބު ދޭން ޖެހޭ: ލިއެނާޑޯ

ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭގެ މައްސަލާގައި ރެއާލް މެޑްރިޑަށް އަދަބު ދޭން ޖެހޭ ކަމަށް ޕީއެސްޖީގެ ސްޕޯޓީން ޑިރެކްޓަރު ލިއެނާޑޯ ބުނެފި އެވެ.

އެމްބާޕޭގެ ޓްރާންސްފާ މައްސަލައިގައި ރެއާލްއަށް އަދަބު ދޭން ޖެހޭ ކަމަށް ލިއެނާޑޯ ބުނަނީ އެޓީމުން ޕީއެސްޖީ އާއި އެމްބާޕޭއަށް ކުރަން ޖެހޭ އިހްތިރާމް އަދާ ނުކުރާތީ އެވެ.

ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި އެންމެ ވަރުގަދައަށް ދެކެވުނު ވާހަކަ އަކީ އެމްބާޕޭ ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. ރެއާލުން އެމްބާޕޭ ހޯދަން ޕީއެސްޖީއަށް ހުށަހެޅު ބިޑު ތަކުގެ ތެރޭގައި 200 މިލިއަން ޔޫރޯގެ ބިޑެއް ވެސް ހިމެނެ އެވެ. އެމްބާޕޭ ވެސް ޕީއެސްޖީ ދޫކޮށް ރެއާލްއަށް ދާން ބޭނުން ވެފައި ހުރި ނަމަވެސް ޕީއެސްޖީން ވަނީ އެ ހުށަހެޅުން ތަކަށް ނޫނެކޭ ބުނެފަ އެވެ.

"ރެއާލުން މިކަން ދޮގު ކުރާނެ. އެކަމަކު އަހަންނަށް ހީވަނީ ހަގީގަތުގައި ރެއާލުން މަސައްކަތް ކުރަނީ [ފްރީ އޭޖެންޓް] އެއްގެ ގޮތުގައި އެމްބާޕޭ ހޯދަން. މިހާރު އެމީހުން އެ މަސައްކަތް ކުރާތާ ދެ އަހަރު ވެއްޖެ. މިއީ އެމީހުންނަށް އަދަބު ދޭން ޖެހޭ ކަމެއް،" މިލާނުގައި އޮތް ފެސްޓީވޯ ޑެލޯ ސްޕޯޓްސް އިވެންޓުގައި ވާހަކަ ދައްކަމުން ލިއެނާޑޯ ބުންޏެވެ.

އެމްބާޕޭ ގެންދަން އުޅޭ ކަމުގެ ވާހަކަ ރެއާލްގެ ކޯޗާއި، ޓީމުގެ ބޯޑުގެ އިތުރުން ކުޅުންތެރިން ވަރަށް ފާޅުގައި ދައްކާފައިވާކަން ފާހަގަ ކުރަމުން ލިއެނާޑޯ ބުނީ އެކަމުން ދޭހަ ވަނީ އެމްބާޕޭއަށް ރެއާލުން އިހްތިރާމް ނުކުރާކަން ކަމަށެވެ. އަދި އެމްބާޕޭއަކީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ލިއެނާޑޯ ބުންޏެވެ.

"އަހަރެމެންގެ ވިސްނުން ހުރީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް. އެއީ ޖަވާހިރެއް. އޭނާ އާއި ނުލައި ޓީމުގެ މުސްތަގުބަލު ރޭވިފައެއް ނެތް" ލިއެނާޑޯ މިހެން ބުނި ނަމަވެސް އެމްބާޕޭ ވަނީ ޕީއެސްޖީން ކޮންޓްރެކްޓް އާ ކުރަން ތިން ފަހަރެއްގެ މަތިން ހުށަހެޅުމުން ވެސް އެކަމަށް ނޫނެކޭ ބުނެފަ އެވެ.