ޕީއެސްޖީ

މީޑިއާ ޕްރެޝަރުން ޕީއެސްޖީ ގުޑުވާނުލެވޭނެ: ހައްމާދު

މީޑީއާ އިން ޕްރެޝަރު ޖައްސައިގެން ޕީއެސްޖީ ގުޑުވާ ނުލެވޭނެ ކަމަށް ޕީއެސްޖީގެ އޯނަރުގެ ބޭބެ ހަލީފާ ބިން ހައްމާދް އަލް ތާނީ ބުނެފި އެވެ.

ހައްމާދު ކުރި ޓްވީޓެއްގައި އޭނާ ބުނީ މީޑިއާ ޕްރެޝަރުން ދުނިޔޭގެ އެންމެ މުއްސަނދި ކުލަބު ގުޑުވާ ނުލެވޭނެ ކަމަށެވެ. އޭނާގެ މި ޓްވީޓަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް އަމާޒުކޮށް ދީފައިވާ މެސެޖެކެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓު ރޭ ނިމުނު އިރު އެންމެ ފަހު ވަގުތާއި ޖެހެންދެން ރެއާލުން ވަނީ ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރެއާލުން ވަނީ ތިން ފަހަރެއްގެ މަތިން ޕީއެސްޖީ އަށް ބިޑް ހުށަހަޅާފަ އެވެ.

ރެއާލުން ފުރަތަމަ ހުށަހެޅި 160 މިލިއަން ޔޫރޯގެ ބިޑް ޕީއެސްޖީން ގަބޫލު ނުކުރީ އެމްބާޕޭ އަކީ އެއަށް ވުރެ މާ އަގުބޮޑު ކުޅުންތެރިއެއް ކަމަށް ބުނެ އެވެ. އޭގެ ފަހުން ހުށަހެޅި 180 މިލިއަނުގެ ބިޑަށް ވެސް ޕީއެސްޖީން ވަނީ ނޫނެކޭ ބުނެފަ އެވެ. އަދި ޓްރާންސްފާ މާކެޓު ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ރޭގެ ވަގުތެއްގައި ރެއާލުން 220 މިލިއަނުގެ ބިޑެއް ޕީއެސްޖީއަށް ހުށަހެޅި އެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެ ހުށަހެޅުމަށްވެސް ދެކޮޅު ހަދާފަ އެވެ.

ޕީއެސްޖީ އާއި އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހަށެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އެމްބާޕޭގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އޭނާ ރެއާލްއަށް ބަދަލުވާނީ ފްރީ ޓްރާންސްފާއެއްގަ އެވެ.

އެމްބާޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 175 މެޗުގައި 135 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.