ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިއިރު، ޕީއެސްޖީ އެއްވަރުވެއްޖެ އެވެ.
އިންޓަ މިލާނުގެ ދަނޑުގައި އެ ޓީމާއި ވާދަކޮށް ރެއާލުން ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. ރެއާލްގެ މި ގޯލަކީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ރޮޑްރިގޯ ކާމިޔާބު ކޮށްދިން ގޯލެކެވެ. އޭރިއާ ތެރޭގައި ހުރެފައި ރޮޑްރިގޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އިންޓާ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ.
މި މެޗުން އިންޓާ ބަލިވި ނަމަވެސް އެ ޓީމުން ވަނީ މޮޅު ކުޅުމަކާއެކު ގޯލު ޖެހުމަށް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. އެކަމަކު އެ ފުރުސަތު ތަކުގެ ބޭނުން ނުހިފި ބޭކާރުވީ އެވެ. އިންޓާ އިން މަސައްކަތް ކުރީ ދެފަޅިން ކުރިއަށް އެރުމަށްފަހި އިދިކޮޅު އޭރިއާ ތެރެއަށް ގިނަ ހުރަސް ތަކެއް ނަގައިގެން އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ.
ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާގެ ފަރާތުން ރޭ މޮޅު ކުޅުމެއް ފެނުނެވެ. އޭނާ ވަނީ އިންޓައިން އުފެއްދި ހުރިހާ ހަމަލާ ތަކެއް ވެސް ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
ކްލަބް ބްރޫގާގެ ދަނޑުގައި ޕީއެސްޖީއާއި ބްރޫގާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގެ ދެ ގޯލު ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެންޑްރޭ ހެރޭރާ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ބްރޫގާގެ ވެނަކެން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އޭސީ މިލާން އަތުން 3-2 ގެ ނަތީޖާ އަކުން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ސިޓީ އާރުބީ ލެޕްޒިގްގެ މައްޗަށް ކުރި ހޯދީ 6-3 ގެ ނަތީޖާ އަކުންނެވެ. އަދި ސްޕޯޓިން އަތުން އަޔަކްސް މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.