ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝެރިފް އާއި ބައްދަލުކުރި މެޗުން ރެއާލް މެޑްރިޑް ބަލިވީ ނަސީބު އެހީ ނުވުމުން ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލީޓޯ ބުނެފި އެވެ.
ރެއާލްގެ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު އެންޗެލީޓޯ ބުނީ މުޅި ގޭމް އޮތީ ރެއާލްގެ ކޮންޓްރޯލް ދަށުގައި ކަމަށެވެ. އަދި ރެއާލް ބަލިވީ ދާދި ފަހުން އެ ޓީމާއި ގުޅުނު ކަމަވިންގާ ލެފްޓް ބެކަށް ލައިގެން ކުޅުމުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޓީމު ބަލިވީ ނަސީބު ދެރަ ކަމުން ކަމަށެވެ.
މި މެޗުގެ ނަތީޖާާއާމެދު ހާސް ވުމަށްވުރެ ބޮޑަށް ދެރަ ވާކަން ފާހަގަ ކުރަމުން އެންޗެލީޓޯ ބުނީ މި މެޗުގައި މުޅި ޓީމު ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މެޗުގައި ހެދުނު ކުދިކުދި މިސްޓޭކުތައް ރަނގަޅު ކުރުން މުހިންމު ކަމަށާއި މެޗުގައި ވީގޮތް ކިޔައިދެން ވަރަށް ދަތި ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އެޑެން ހަޒާޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ކުރީގެ މޮޅު ކުޅުމަށް އޭނާ އެނބުރި އަންނަ ކަމުގެ އިޝާރާތް ތަކެއް މި މެޗުގައި ފެނުނުއިރު، އޭނާއަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މިކަން ފާހަގަކޮށް ކޯޗު އެންޗެލީޓޯ ބުނީ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި ގުޅިގެން ހަޒާޑް ކުޅުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން ޓީމަށް މަދުވަނީ ހަމައެކަނި ގޯލެއް ކަމަށެވެ.
ރޭގެ މެޗުން ރެއާލް ބަލިވި ނަމަވެސް އެޓީމުން ވަނީ މޮޅު ކުޅުމަކާއެކު ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއު ކުރުމުގައި ޝެރިފްގެ ކީޕަރުގެ އިތުރުން ޑިފެންސް ލައިނުން ވަނީ ވަރަށް ރަނގަޅު ދައުރެއް އަދާ ކޮށްފަ އެވެ. ޝެރިފްއާއި ބައްދަލުކުރި މެޗުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި ނަތީޖާ އާއެކު ކުޅުނު ދެ މެޗުން މޮޅުވެ ޝެރިފް ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއި އެކުގަ އެވެ. އަދި އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވުމުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް އޮތީ ގްރޫޕްގެ ދެވަނައިގަ އެވެ. އިންޓާ މިލާނަށް ތިންވަނަ ލިބެނީ އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވުމުން ލިބުނު އެއް ޕޮއިންޓާ އެކުގަ އެވެ. ގްރޫޕްގެ ފުލުގައި ޝަކްތާރް އޮތީ އިންޓާ މިލާނަށް ވުރެ އެޓީމުގެ ބައިކޮޅަށް ވަން ގޯލު ގިނަ ވުމުންނެވެ.