ޑިފެންޑިން ޗެމްޕިއަން ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ރެއާލް މެޑްރިޑް ރޭ އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 1-0 އިން ބަލިވެފަ އެވެ. ނަމަވެސް އެގްރިގޭޓް ސްކޯ 2-2 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެ ރެއާލް މަޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެވެ.
އެޓްލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އެޓްލެޓިކޯގެ ކޮނޯ ގަލެގާ ވަނީ މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އިނގިރޭސި ކުޅުންތެރިޔަކު ޖެހި އެންމެ އަވަސް ލަނޑެވެ. ގަލެގާގެ މި ލަނޑަކީ މެޗު ފެށުނުތާ 27 ސިކުންތުގެ ތެރޭގައި ޖަހާފައިވާ ލަނޑެކެވެ.
ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދެއްކި މި މެޗުގައި، ބޯޅަ ގިނައިން ހިފެހެއްޓީ ރެއާލް މެޑްރިޑް ކަމުގައިވީ ނަމަވެސް ގިނަ ހަމަލާތައް ދިނީ އެޓްލެޓިކޯ މެޑްރިޑުންނެވެ. އެޓްލެޓިކޯއިން ޖުމްލަ 17 ހަމަލާ ދީފައިވާއިރު އޭގެ ތެރެއިން 8 ހަމަލާއަކީ ގޯލަށް އަމާޒުކޮށްފައިވާ ހަމަލާތަކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީގައި ވިނިޝިއަސް ޖޫނިއަގެ ޝޮޓް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓުގައި ރެއާލް މެޑްރިޑްގެ ލޫކަސް ވަޒްކޭޒްގެ ޝޮޓް އެތްލެޓިކޯގެ ކީޕަރު ޖޭން އޮބްލަކް ދިފާއުކުރި އެވެ. އަދި އެތްލެޓިކޯއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެ ޓީމަށް ނާކާމިޔާބުވި އެވެ.
މި މުބާރާތުގެ ކުއާޓަ ފައިނަލުގައި ރެއާލް މެޑްރިޑް ކުޅޭނީ އިނގިރޭސިވިލާތުގެ އާސެނަލްއާ ދެކޮޅަށެވެ.
ރެއާލް މެޑްރިޑުން ވަނީ މިހާތަނަށް 15 ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.