ކޮވިޑް-19 އަށް ޓީމުގެ މުހިންމު ނުވަ ކުޅުންތެރިން ޕޮޒިޓިވް ވުމުން، ޒުވާން ޓީމަކާއެކު ނުކުމެ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކުން ރެއާލް މެޑްރިޑް 3-2 ން ބަލި ކޮށްފި އެވެ.
މެޑްރިޑްގެ އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޝަކްޓާގެ ތިން ލަނޑު ވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފގައި ރެއާލްގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ޝަކްޓާގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑަކީ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މަނޯ ސޮލްމަން އެވެ.
ގެނައި ބަދަލު ތަކާއެކު ރެއާލްއިން ކިރިޔާ ވެސް ކުޅުން ދެއްކުނީ ދެވަނަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލުކަ މޮޑްރިޗެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ވިނީސިއުސް ޖޫނިއާ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފަހު ކޮޅުގައި ޝަކްޓާއިން ޖެހި ލަނޑަކާއި، އަދި މެޗުގެ އެންމެ ފަހު މިނެޓް ތެރޭގައި ރެއާލްއިން ޖެހި ލަނޑެއް ވީއޭއާރުން ރިވިއު ކުރުމަށް ފަހު ގޯލެއް ނޫން ކަމަށް ނިންމި އެވެ.
ރެއާލްގެ ލޯކަލް ވާދަވެރިޔާ އެތުލެޓިކޯ މެޑްރިޑް، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އަތުން ބަލިވީ 4-0 ންނެވެ. ބަޔާންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ކިންގްސްލީ ކޮމަން އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު ކޮމަން ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނެޓްގައި ޖޯޝްއާ ކިމިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު 41 ވަނަ މިނެޓްގައި ލިއޯން ގޮރެޓްޒްކާ ކާމިޔާބު ކުރީ ކޮމަން ދިން ފުރުސަތަކުންނެވެ. ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ތޮލީސޯ އެވެ. ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި ކޮމަން ކާމިޔާބު ކުރި އެވެ.