ބުރޫޝިއާ މޮންޗެންގުލެޖްބާކް އާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ދެ ލަނޑުން ރެއާލް މެޑްރިޑް ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އާއެކު ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ލިލިއަން ތުރާމްގެ ދަރިފުޅު މާކޯސް ތުރާމްގެ ދެ ލަނޑުން ގްލެޖްބާކްގެ ލީޑް ނަގައި ލީޑް ފުޅާވެސް ކުރި އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 33 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 58 ވަނަ މިނެޓްގަ އެވެ.
ރެއާލްގެ ދެ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ފަސް މިނެޓްގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެންޒެމާ އެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ކާލޯސް ކަސެމީރޯ ވަނީ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގް 13 ފަހަރު ކާމިޔާބު ކުރި ރެއާލް ވަނީ އެ މުބާރާތުގައި އެ ޓީމު މީގެ ކުރިން ކުޅުނު ތިން މެޗުން ބަލި ވެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ޝަކްޓާ ޑޮނެސްކް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 ންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު ދެ ލެގުންވެސް ވަނީ ބަލިވެފަ އެވެ.
މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގްގައި 5-0 ން ޝަކްޓާ ޑޮނެސްކް ބަލި ކުރި އިންޓަމިލާން އިން ރޭ، ޝަކްޓާ އާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖެހުނެވެ. އިންޓައިން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. އެ ޓީމުން އުފެއްދި ދެ ހަމަލާއެއް ގޯލް ހުރަސް ދަނޑިއަށްވެސް އަމާޒުވި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގްގައި އެ ޓީމުން ވަނީ މޮޅުވުމުގެ ޓްރެކް 13 މައްޗަށް ދަމަހައްޓާފަ އެވެ. ބަޔާންގެ ލަނޑުތައް ކާމިޔާބު ކުރީ ޖޯޝުއާ ކިމިޗް އާއި ލިއޯން ގޯރެޓްޒްކާ އެވެ. ރެޑްބުލް ސަލްޒްބާގް އާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި ޔޯއާ ފެލިކްސްގެ ދެ ލަނޑުން އެތުލެޓިކޯ މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. އެތުލެޓިކޯއަށް ފުރަތަމަ ލީޑް ނަގައިދިނީ މާކޯސް ޔޮރެންޓޭ އެވެ. ނަމަވެސް ދެ ވަނަ ހާފުގެ ކުރީ ކޮޅު ޑޮމިނިކް ސޮޒޯބޮސްޒަލައި އާއި މެރިގިމް ބެރިޝާގެ ލަނޑުތަކުން މެޗުގެ ނަތީޖާ ސަލްޒްބާގް ކޮޅަށް އެނބުރާލި އެވެ. ފަހުން ފެލިކްސް ދެ ލަނޑު ކާމިޔާބު ކޮށް އެތުލެޓިކޯއަށް މެޗު ކާމިޔާބު ކޮށްދިނެވެ.
މެންޗެސްޓާ ސިޓީ އާއި އޮލިމްޕިކް މާސޭ ފްރާންސްގައި ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 3-0 ންނެވެ. ސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ ފެރާން ޓޯރޭޒް، ގުންޑޯގަން އަދި ރަހީމް ސްޓާލިންއެވެ. ލިވަޕޫލުން ޑެނމާކުގެ މިޖްލޭންޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ލަނޑުތަް ކާމިޔާބު ކުރީ ޑިއޭގޯ ޖޯޓާ އާއި މުހައްމަދު ސަލާހް އެވެ.