ޗެމްޕިއަންސް ލީގް

ދެ ވަނަ ބުރުގެ މެޗުތަކަށް ބަދަލު ނުގެންނާނެ

ކޮވިޑް-19 ގެ ސަބަބުން ކުރިއަށް ނުގެންދެވިގެން މެދުކަނޑާލި ޔޫއޭފާ ޗެމްޕިއަންސް ލީގްގެ ބާކީ ހުރި މެޗުތައް، ކުރިންވެސް ކުޅެން ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޔޫއެފާއިން މިކަަމަށް ގޮތެއް ނިންމީ، ޗެމްޕިއަންސް ލީގްގެ ބާކީ ހުރި ރައުންޑްގެ މެޗުތައް ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވުމުންނެވެ. އެހެންނަމަވެސް ދެ ވަނަ ބުރުގެ ބާކީ ހުރި މެޗުތައް ކުރިންވެސް ހަމަޖެހިފައިވާ ވެނޫތަކުގައި ކުރިއަށް ގެންްދިއުމަށް ނިންމުމުން، ލިޒްބަންގައި މެޗުތައް ފަށާނީ ކުއާޓާ ފައިނަލު ރައުންޑުން ފެށިގެންނެވެ.

ދެ ވަނަ ބުރުގެ ބާކީ ހުރި މެޗުތަކަކީ، ބަޔާން މިޔުނިކާއި ޗެލްސީ، އެލިއަންޒް އެރީނާގައި ކުޅެ ހަމަޖެހިފައިވާ މެޗު، ބާސެލޯނާ އާއި ނަޕޯލީ ކޭމްޕްނޯ ގައި ކުޅެން ހަމަޖެހިފައިވާ މެޗު، މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް އިއްތިހާދު ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ މެޗު އަދި ޔުވެންޓަސް އާއި އޮލިމްޕިކް ލިއޯން އެލިއަންޒް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ މެޗެވެ.

ދެވަނަ ބުރުގައި ދެ ލެގް ކުޅެގެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ، ބުރޫޝިއާ ޑޯޓަމުންޑް ބަލިކޮށް ޕީއެސްޖީ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލި ކުރި އެތުލެޓިކޯ މެޑްރިޑް، ވެލެންސިއާ ބަލި ކުރި އެޓަލާންޓާ، ޓޮޓެންހަމް ހޮޓްސްޕާސް ބަލި ކުރި އާރްބީ ލައިޕްޒިގް އެވެ.

ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލު ސްޓޭޖުން ފެށިގެން މެޗުތައް ކުރިއަށް ގެންދާނީ ޖަރުމަންގެ ކޮލައިންގަ އެވެ. އެ މުބާރާތުގެ ގަދަ 16 ގެ ބުރުގައި އިންޓަ މިލާން އާއި ގެޓާފޭ އަދި ސެވިއްޔާ އާއި ރޯމާ ކުޅޭ މެޗުތައް ކުރިއަށް ދާނީ ޖަރުމަންގަ އެވެ. އެއީ އެ ހަތަރު ޓީމުގެ މެޗުތަކުގެ ފުރަތަމަ ލެގް މެޗު ކުޅުމުގެ ކުރިން މުބާރާތް މެދުކަނޑާލަން ޖެހުމުންނެވެ. ގަދަ 16 ގެ ބުރުގައިވެސް ދެން ބާކީ ހުރި މެޗުތައް ކުރިއަށް ދާނި ކުރިން ހަމަޖެހިފައިވާ ވެނޫތަކުގަ އެވެ. އެ މެޗުތަކުގައި ވަނީ އެއް ލެގް ކުޅެ ނިމިފަ އެވެ.

ޔޫރޮޕާ ލީގްގެ ފައިނަލު މެޗު ކުޅެން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 21 ގަ އެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލު އޮންނާނީ އޭގެ އެއް ދުވަސް ފަހުންނެވެ.