އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހު، ޕީއެސްޖީން ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އެގްރިގޭޓުން 2-1 ން ޕޯޓޯ ބަލިކޮށް ޗެލްސީ ވެސް ވަނީ ހަތް އަހަރުތެރޭ ފުރަތަމަ ފަހަރަށް ސެމީއިން ޖާގަ ހޯދާފަ އެވެ. ފުރަތަމަ ލެގް ޗެލްސީން ކާމިޔާބު ކުރީ 2-0 ންނެވެ.
ޕެރިހްގައި ކުޅުނު މެޗު ބަޔާން ކާމިޔާބު ކުރީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު ޗައުޕޯ މޯޓެންގެ ކާމިޔާބު ކުރި ނަމަވެސް، ސެމީގެ ދޮރުން އެތެރެއަށް ޗެމްޕިއަން ޓީމަށް ނުވަދެވުނެވެ. ދެ ލެގްގެ އެގްރިގޭޓް ނަތީޖާ 3-3 ން އެއް އެއްވަރުވުމުން، ޕީއެސްޖީއަށް އެހީވީ މިޔުނިކްގައި އެ ޓީމުން ބަޔަން ކޮޅަށް ޖެހި އަވޭ ތިން ލަނޑެވެ.
ރޭ ގެ މެޗުގައި ބަޔާން އިތުރު ލަނޑެއް ޖެހިޔަ ނުދީ ޕީއެސްޖީ ހިފަހައްޓާލުމަށް ކުޅުނު ގޭމަށް އެ ޓީމުގެ ކޯޗް މައުރީޝިއޯ ޕެޗެޓިނޯއަށް ތައުރީފް ހައްގެވެ. މިދިޔަ އަހަރު ފައިނަލުގައި ބަޔާން އާ ދެކޮޅަށް ޕީއެސްޖީ އެ ތަފާތު ދެއްކުނު ނަމަ އޭރުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު އޮތެވެ.
ސެމީގައި ޕީއެސްޖީ އާއި ވާދަ ކުރަން ޖެހޭނީ، މެންޗެސްޓާ ސިޓީ ނުވަތަ ބުރޫޝިއާ ޑޯޓަމުންޑްގެ ތެރެއިން ޓީމަކާ އެވެ. ޗެލްސީން ވާދަ ކުރަން ޖެހޭނީ ރެއާލް މެޑްރިޑް ނުވަތަ ލިވަޕޫލާ އެވެ.
ޗެލްސީ އެންމެ ފަހުން، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކުރީ 2012 ގަ އެވެ. އެ ސީޒަންގައި އަންޑްރޭ ވިއަސް ބޮއަސް ކޯޗަކަށް ހަމަޖައްސައިގެން ނުކުމެ، އޭނާއަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ރޮބާޓޯ ޑި މަޓާއޯ ކޯޗަކަށް ހަމަޖެއްސައި އެ އަހަރުގެ ޗެމްޕިއަންސް ލީގް ޗެލްސީން ކާމިޔާބު ކުރި އެވެ.
މިފަހަރުވެސް ޗެލްސީ ސެމީ ފައިނަލަށް ދަތުރު ކުރީ، އޭރުގެ މަންޒަރު ތަކުރާރު ކުރުމަށް ފަހު އެވެ. ފުރޭންކް ލަމްޕާޑް ކޯޗް ކަމުން ދުރުކޮށް، ތޯމަސް ޓޫހުލް ކޯޗް ކަމަށް ހަމަޖައްސައި ޗެލްސީން ވަނީ ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ.
ސުޕެއިންގެ ސެވިއްޔާގައި ކުޅުނު ޗެލްސީގެ ހޯމް މެޗުގައި ރޭ ޕޯޓޯ އަތުން 1-0 ން ބަލިވި މެޗަކީ ޓޫހުލްގެ ކޯޗް ކަމުގައި ޗެލްސީ ބަލިވި ދެ ވަނަ މެޗެވެ. ރޭ ގެ މެޗުގެ ފަހު ވަގުތުގައި ޗެލްސީ ކޮޅަށް ޕޯޓޯގެ ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކުރީ މެހްދީ ޓަރޭމީ އެވެ.