ޗެމްޕިއަންސް ލީގް

ޗެމްޕިއަން ބަޔާން އާއި ޗެލްސީ ކުއާޓާއަށް

ލާޒިއޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް، ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިޔުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗު ފުރަތަމަ ހާފުގައި، ރޮބަޓް ލެވަންޑޮސްކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑާއި ދެ ވަނަ ހާފުގައި އެރިކް މެކްސިމް ޗޮއުޕޯ މޯޓިންގްގެ ގޯލުން ބަޔާންއަށް ލީޑް ފުޅާ ކޮށްދިނެވެ. މެޗުގެ ފަހު ކޮޅުގައި މާކޯ ޕާލޯ ވަނީ ލާޒިއޯއަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ދެ ލެގްގެ ނަތީޖާއިން ބަޔާންއަށް ކުރި ލިބެނީ 6-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ހަތް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ހޯދުމުގެ އުންމީދު އާ ކުރި ބަޔާން ފުރަތަމަ ލެގް ކާމިޔާބު ކުރީ 4-1 ންނެވެ.

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ 2-0 ންނެވެ. ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި 0-0 ގައި ވަނިކޮށް އެތުލެޓިކޯއަށް ނަތީޖާ ބަދަލު ކުރުމަށް ޕެނަލްޓީއެއް ލިބުނު ކަމަށް ހީކުރެވުނެވެ. ޔެނިކް ކަރެސްކޯގެ ގައިގައި ޗެލްސީގެ ކެޕްޓަން ސެޒާ އެޒްޕްލިކްއޭޓާ އަތް ލުމުން ޕެނަލްޓީއެއް ކަމަށް ހީކުރެވުނެވެ. ފުރަތަމަ ހާފުގައި ހަކީމް ޒިޔެޝް ޗެލްސީއަށް ލީޑް ނަގައިދިނެވެ. ޗެލްސީއަށް މެޗު ޑޮމިނޭޓް ވުމުގައި މިޑްފީލްޑުން އެންގޯލާ ކަންޓޭ އާއި މަޓޭއޯ ކޮވަސިޗްގެ ދައުރު ފެނުނީ ބޮޑު ކޮށެވެ. ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެމަސޮން އެވެ.

ޗެލްސީގެ ކޯޗް ކަމާ، ތޯމަސް ޓޫހުލް ހަވާލުވި ފަހުން އޭނާގެ ކޯޗް ކަމުގެ ދަށުން ޗެލްސީ މިހާތަނަށް ބަލިވެފަ އެއް ނުވެ އެވެ.

ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނާނީ މާދަމާ އެވެ. ކްއާޓާ ފައިނަލުން ޕްރިމިއާ ލީގްގެ ތިން ޓީމު ވަނީ ޖާގަ ހޯދާފަ އެވެ. އެއީ ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލެވެ. ބުންޑެސް ލީގާއިން ބަޔްންގެ އިތުރުން ބުރޫޝިއާ ޑޯޓަމުންޑެވެ. ދުނިޔޭގެ އެއް ވަނަ ލީގްގެ ގޮތުގައި މިވަގުތު އޮތް ސެރީ އާގެ އެއްވެސް ކުލަބަކަށް ކްއާޓާ ފައިނަލުން ޖާގަ ނުލިބުނެވެ. ލަލީގާއިން ކްއާޓާއަށް ދިޔައީ ރެއާލް މެޑްރިޑް އެކަންޏެވެ. ފްރާންސްގެ ލީގް އެކަކުން މުބާރާތުގެ އެންމެ ފަހުގެ ރަނަރަފް ޕީއެސްޖީ އެވެ. ޕޯޗްގަލްގެ ޕްރިމޭރާ ލީގުން ޕޯޓޯ އެވެ.