ޗެމްޕިއަންސް ލީގް

ޕީއެސްޖީން ޗެމްޕިއަން ބަޔާން ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކްގެ މައްޗަށް، އެންމެ ފަހުގެ ރަނަރަފް ޕީއެސްޖީން ބަޔާންގެ ދަނޑުގައި ބޮޑު މޮޅެއް ހޯދައިފި އެވެ.

ސްޓާ ފޯވަޑް ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި ދެ ލަނޑުން، ޕީއެސްޖީ މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. ހެންސީ ފްލިކްގެ ބަޔާންއިން ވަނީ އެ ޓީމަށް ފަރިތަ ހައި ޕްރެސިން ގޭމް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގެ 90 މިނެޓް ތެރޭގައ ބަޔާންއިން 31 ޝޮޓް ހެދި އެވެ. އެހެން ނަމަވެސް އެމްބާޕޭ ތަކުރާރުކޮށް ފޮނުވަމުން ދިޔަ ހަމަލާތަކުން ބަޔާނަށް ކެތެއް ނުވި އެވެ.

ނޭމާ ތަނަވަސް ކޮށްދިން ޕާސްތަކާއެކު، މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ.

އޭޕްރީލްގެ ސުނޯގެ ސަބަބުން މިޔުނިކްގެ އެލިއަންޒު އެރީނާގެ ވިނަގަނޑު ވެސް އޮތީ ފޯވެފަ އެވެ. ގަދަ ފިނީގެ ރެއްގައި މެޗަށް އިންސާފު ކުރަން ޖެހުމުން ރެފްރީ ވެސް ނުކުތީ އަންގި ލައްވައިގެންނެވެ. އެހެން ނަމަވެސް ޕެރިސްގެ ޓީމު ވަނީ މެޗުގެ ފެށުން ވެސް "ހޮޓް" ކޮށްފަ އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓްގައ ފުރަތަމަ ލަނޑު އެމްބާޕޭ ކާމިޔާބު ކުރި އެވެ. ދެ ވަނަ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކިއުނޯސް އެވެ.

ފުރަތަމަ ހާފުގައި ޗޫޕޯ މޯޓިން ލަނޑުޖަހައި ބަޔާން އަށް، އުންމީދެއް ހޯދައި ދިނެވެ. އަދި ދެ ވަނަ ހާފުގައި ތޯމަސް މުލާ ވަނީ ބަޔާން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗް ނިމިގެން ދިޔައީ އެމްބާޕޭގެ ދެ ވަަނަ ލަނޑާއެކު 29 މެޗުން ބަޔާންއަށް ކުރިމަތިވި ދެ ބަލިންނެވެ. މި ދެ ޓީމު ޕެރިސްގައި ކުޅޭ ދެ ވަނަ ލެގް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.