އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުން، 2-1 ން ޔުވެންޓަސް މޮޅުވިޔަސް ޗެމްޕިއަންލީގްގެ ކްއާޓާ ފައިނަލަށް ނުގޮސް އެ ޓީމު ކަޓައިފި އެވެ. ކްއާޓާއަށް ލިޔޯން ދަތުރު ކުރީ ރޭ ޔުވެންޓަސްގެ ދަނޑުގައި ކާމިޔާބު ކުރި އަވޭ ގޯލުންނެވެ.
މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ދެ ވަނަ ލެގްގައި ކުޅުނު މެޗު ވެސް 2-1 ން ކާމިޔާބު ކޮށް ސިޓީ ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ.
ޓޫރިންގެ އެލިއަންޒް ސްޓޭޑިއަމްގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗށް ލިޔޯން ނުކުތީ، ކޮރޯނާ ވައިރަސް އާ ގުޅިގެން މާޗް މަހު ފުޓްބޯޅަ މެދުކަނޑާލުމުގެ ކުރިން ލިޔޯންގައި ކުޅުނު މެޗުން 1-0 މޮޅުވެފައި އޮތުމުގެ ހިތްހަމަޖެހުމާއެކު އެވެ. ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އިޓާލިއަން ލީގް ކާމިޔާބު ކުރި ޔުވެންޓަސްއަށް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި އެ ނަތީޖާ ބަދަލު ކޮށްލެވޭނެ ކަމުގެ ހިތްހަމަޖެހުން އޮތުމެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ލިޔޯންއިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މެންފިސް ޑިޕާއީ ލަނޑު ކާމިޔާބު ކުރީ 12 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ 60 ވަނަ މިނެޓްގައި ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބު ކުރި އެވެ. ދެ ލެގުން އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރުވުމުން ބަލަނީ އަވޭ ގޯލަށެވެ. ލިޔޯން ފައިނަލަށް ދަތުރު ކުރީ ޑިޕާއީ ރޭގެ މެޗުގައި ކާމިޔާބު ކުރި އަވޭގޯލުންނެވެ.
ސިޓީ އާއި ރެއާލް، މެޑްރިޑްގައި ކުޅުނު މެޗުވެސް ސިޓީ ކާމިޔާބު ކުރީ 2-1 ންނެވެ. ރޭގެ މެޗަށް ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޑް ވެފައި ވުމުން އޭނާގެ ބަދަލުގައި ޑިފެންސުން ފުރުސަތު ދިނީ އެޑާ މިލިޓާއޯ އަށެވެ. ރާމޯސް ހުރީ ސްޓޭޑިއަމްގެ ސްޓޭންޑްގައި މެޗު ބަލާށެވެ.
ޑިފެންޑަރު ރަފޭލް ވަރާން އަށް ހެދުނު ފީކަޅާ މިސްޓޭކަކުން ތަނަވަސްވި ބޯޅައިން ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. ޓީމުގެ ފަހަތުން ވަރާން ބޯޅަ ކްލިއާ ކޮށްލުމުގެ ކުރިން ބޯޅަ ހޯދީ ގެބްރިއަލް ޖެސޫސް އެވެ. އޭނާ ވަނީ ބޯޅަ ހޯދައި ސްޓާލިން އަށް ބޯޅަ ތަނވަސް ކޮށްދީފަ އެވެ. އޭރު ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާވެސް ހުރީ އޮފް ޕޮޒިޝަންގަ އެވެ. އެހެންވެ ސްޓާލިންއަށް ބޯޅަ ފޮނުވާލަން ގޯލް އޮތީ ހުސްކޮށެވެ. އޭނާ ވަނީ އެ ބޯޅަ ހޯލްގެ ތެރެއަށް ވައްދާލަފަ އެވެ.
މެޗުގެ ކުރީކޮޅު ވަން ގޯލާއެކު ރެއާލްއަށް ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވެގެން ދިޔަ އެވެ. މެޗުގެ 28 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ސިޓީގެ ދެ ވަނަ ލަނޑު 68 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖެސޫސް އެވެ.