ޗެމްޕިއަންސް ލީގް

ފުރަތަމަ ލެގުން ރެއާލް އާއި ސިޓީ މޮޅު ވެއްޖެ

ލިވަޕޫލްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ރެއާލް މެޑްރިޑުން ދަމހައްޓައިފި އެވެ.

މެޗަށް ދެތިން ގަޑިއިރަށް ވެފައި ވަނިކޮށް، ރެއާލްއަށް ލިބުނު ދެރަ ޚަބަަރަކީ، ޓީމުގެ ޑިފެންޑަރު ރަފޭލް ވަރާން ކޮވިޑަށް ޕޮޒިޓިވް ވުމެވެ. ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާ އާ ގުޅިގެން އޭނާވެސް ކުޅުމާ ދުރުގައި ހުރި ވަގުތެއްގައި ވަރާން އެކެހެރި ކުރަން ޖެހުމަކީ ޓީމަށް ކުރިމަތިވާނެ އުނދަގޫ މައްސަލައެއް ކަމަށް ބެލެވުނެވެ.

އެހެންނަމަވެސް މަގާމު ފޫބަައްދަން ނުކުތް ނަޗޯ ފެނާންޑޭޒް އާއި އެޑާ މިލޓާއޯ ވަނީ ވަރަށް ރަނގަޅަށް އެ ކުޅުންތެރިންގެ މަސްއޫލިއްޔަތު އަދާ ކޮށްފަ އެވެ. ރެއާލްގެ ތިން ލަނޑަކީވެސް ލިވަޕޫލްގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކުތަކުގެ ނަތީޖާ އެވެ.

މެޑްރިޑްގެ އަލްފުރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލަނޑު ވީނީސިއުސް ޖޫނިއާ ކާމިޔާބު ކުރީ، ޓޯނީ ކްރޫޒް ނަގައިދިން ޑައިގްނަލް ބޯޅައަކުންނެވެ. އޭގެ ނުވަ މިނެޓް ފަހުން މާކޯ އެސެންސިއޯ ޖެހި ލަނޑުގައިވެސް ކްރޫޒްގެ ހިއްސާ އޮތެވެ. އެސެންސިއޯ އެ ލަނޑު ޖެހީ ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު މުހައްމަދު ސަލާހް ލިވަޕޫލަށް ލަނޑު ޖަހައިދީ އެ ޓީމަށް ދިރިމެއް ގެނެސް ދިނެވެ. އެހެންނަމަވެސް ލިވަޕޫލްގެ ފަހތުން ހެދުނު ބާގަނޑު ނުބެދި ހުރުމުން، ވިނީސިއުސް ވަނީ ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށް 3-1 ށް ނަތީޖާ ބަަދަލު ކޮށްލާފަ އެވެ. މީގެ ކުރިން ލަނޑު ނުޖެހުމުގެ މައްސަލަ ކުރިމަތި ވެފައިވާ ވިނީސިއުސްގެ ދެ ވަނަ ލަނޑު ޖެހީ ލުކަ މޮޑްރިޗް ދިން ބޯޅައިންނެވެ.

ސީޒަންގެ ހަތަރު ތަށި ހޯދަން އުންމީދު ކޮށްގެން ތިބި މެންޗެސްޓާ ސިޓީން ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު މޮޅުވީ 2-1 ންނެވެ. ސިޓީގެ އިއްތިހަދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީ މޮޅުކޮށްދިން ލަނޑު ފިލް ފޮޑެން ކާމިޔާބު ކުރީ 90 ވަނަ މިނެޓްގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ކެވިން ޑި ބްރައިނާ އެވެ. މެޗުގެ 84 ވަނަ މިނެޓްގައި މާކޯ ރިއުސް ސިޓީ ކޮޅަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ސަލަމާތެއް ނުވެވުނެވެ. މެޗުން މޮޅުވިޔަސް، ސިޓީގެ ފަރާތުން ޗެމްޕިއަންސް ލީގްގެ މެޗެއްގައި ފެންނަން ޖެހޭ ކުޅުމެއް ނުފެނުނެވެ.