ލިވަޕޫލްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު އެޓަލާންޓާއިން ދަމަހައްޓައިފި އެވެ.
މެޗުން ބަލި ވިނަމަވެސް ލިވަޕޫލް އޮތް އެއް ވަނަ މަގާމަކަށް ބަދަލެއް ނާދެ އެވެ. އެޓަލާންޓާ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ދެމެހެއްޓިއިރު، ޑެންމާކްގެ މިޖްލޭންޑްގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައި އަޔެކްސްއިންވެސް ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ދަމހައްޓާފަ އެވެ. އަޔެކްސް އާއި އެޓަލާންޓާއަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ފައިދާ ގޯލުން ދެ ވަނަ ލިބެނީ އަޔެކްސް އަށެވެ.
ޕްރިމިއާ ލީގްގައި އެންފީލްޑްގައި ބަލިނުވެ 64 މެޗު ފުރިހަމަކޮށް މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް ހެދި ލިވަޕޫލްގެ ޓީމު އެޓަލާންޓާ އަތުން ބަލިވުމުން މި ސީޒަންގައި އެންފީލްޑްގައި އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވީ އެވެ. އަދި ހަ އަހަރު ފަހުން ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އެންފީލްޑްގައި ބަލިވި ފުރަތަމަ މެޗުވެސް މެއެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އެންފީލްޑްގައި ލިވަޕޫލް ބަލިވީ 2014 ވަނަ އަހަރު ރެއާލް މެޑްރިޑް އަތުންނެވެ.
ރޭގެ މެޗުގައި އެޓަލާންޓާ މޮޅު ކޮށްދިނުމުގައި އެންމެ މުހންމު ދައުރެއް އަދާ ކުރީ، ކެޕްޓަން އަލްހެންޑްރޯ ގޯމޭޒް އެވެ. ޓީމުގެ ދެ ލަނޑުގައިވެސް އޭނާގެ ހިއްސާ އޮތެވެ. ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޯސިޕް އިލިޗް ކާމިޔާބު ކުރި ގޯމޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ރޮބިން ގޮސެންސް ވަނީ އެޓަލާންޓާގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ތިން ހަފުތާ ކުރިން އެޓަލާންޓާގައި 5-0 ން މޮޅުވި ލިވަޕޫލްގެ ޓީމުން ރޭ ގެ މެޗުގައި އެންމެ ޝޮޓެއްވެސް އެޓަލާންޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެއް ނުވެ އެވެ. ލިވަޕޫލް އަތުން އެޓަލާންޓާ މޮޅުވި މެޗަކީ އެ ޓީމުގެ ކޯޗް ޖިއާންޕިއޭރޯ ގަސްޕެރީނީގެ 200 ވަނަ މެޗެވެ.
ޕްރިމއާ ލީގްގައި މި ސީޒަންގައި ފަސް ބަދަލު ނުކުރެވޭތީ އެކަމާ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރާ ލިވަޕޫލުގެ ކޯޗް ޔާގަން ކްލޮޕް ވަނީ މެޗުގައި ފަސް ބަދަލު ކޮށްފަ އެވެ. އަދި އެ ފުރުސަތު މެދުކެނޑުމަކަށް ފަހު ލިބުމުން އޭނާ ހުރި ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އޭނާ މެޗަށް ނެގި ޓީމުން ފާހަގަ ވަނީ، ޕްރިމިއާ ލީގްގައި ކުރިއަށް އޮތް ބްރައިޓޮންގެ މެޗަށް ތައްޔާރު ވުމަށް ނެރުނު ޓީމެއްގޮތަށެވެ. ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން އޭނާ ވަނީ ފުރުސަތު ދީފަ އެވެ.
މިލާންގެ ސެންސީރޯގައި، އިންޓަ މިލާން އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އެޑެން ހަޒާޑް ކާމިޔާބު ކުރި ޕެނަލްޓީ އެކުންވެ. ދެ ވަނަ ލަނޑަކީ ކުރިން ރެއާލް އަށް ކުޅުނު އިންޓަގެ މިހާރުގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޓޫރޯ ވިޑާލްއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެ ގުރޫޕްގެ އެއް ވަނައިގައި އޮތް ބުރޫޝިއާ މޮންޗެން ގްލެޖްބާކް ވަނީ ޝަކްޓާ ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗު 4-0 ން ކާމިޔާބު ކޮށްފަ އެވެ.
އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އާ ދެކޮޅަށް ކުޅުނު މެޗު 3-1 ން ކާމިޔާބު ކޮށް ބަޔާން މިޔުނިކުން ވަނީ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ބަޔާންގެ ލަނޑުތައް ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ، ކިންގްސްލީ ކޯމަން އަދި ލިރޮއީ ސަނޭ އެވެ. ސްލަޒްބާގްގެ ލަނޑު ކާމިޔާބު ކުރީ މެރިގިމް ބެރިޝާ އެވެ. މެންޗެސްޓާ ސިޓީވެސް ވަނީ އޮލިމްޕިއާކޯސްގެ މައްޗަށް 1-0 ން ކާމިޔާބު ކޮށް ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ސިޓީގެ ލަނޑު ކާމިޔާބު ކުރީ ފިލް ފޯޑެން އެވެ.