ޗެމްޕިއަންސް ލީގް

ރެއާލް މެޑްރިޑް ޕްރެޝަރަށް ދުއްވާލައި، ލިވަޕޫލް އެއްވަނައަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާލް މެޑްރިޑް ރޭ ބައްދަލުކުރި މެޗުގައި 2-0 އިން ރެއާލް ބަލިކޮށް ގްރޫޕް ބުރުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފި އެވެ.

ރާއްޖެ ގަޑިން ރޭ މެންދަމު 1 ޖެހިއިރު މެޗު އޮތީ ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑް ސްޓޭޑިއަމް ގައެވެ.

މި މެޗުގައި ލިވަޕޫލުން ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ދިން ނަމަވެސް ތިބޯ ކޯޓުއާ ރަނގަޅު ސޭވުތައް ކުރި އެވެ.

ލިވަޕޫލް އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. އެ ޓީމާ އެންމެ ކައިރީގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާ ރެއާލް އޮތީ ހަ ޕޮއިންޓާ އެކު 24 ވަނައިގަ އެވެ.

މުބާރާތުގެ ގަދަ 16 ޓީމު ބުރުން ސީދާ ޖާގައެއް ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމަށެވެ. އަދި ނުވަ ވަނައިން ފެށިގެން 24 ވަނައާ ދެމެދުގައި ހިމެނޭ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް ކުޅެގެން ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދާށެވެ. މުބާރާތުން ކަޓާނީ އެންމެ ފުލަށްދާ 12 ޓީމެވެ.

މި މޮޅާ އެކު ލިވަޕޫލުން މިވަނީ ރެއާލް އަތުން މޮޅުނުވުމުގެ ސިލްސިލާ 8 މެޗަށްފަހު ނިމުމަކަށް ގެނެސްފަ އެވެ. މޮޅުނުވެވި ދިޔަ ސިލްސިލާގައި 2018 އާއި 2022ގެ ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ހިމެނެ އެވެ.

މި މުބާރާތުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޖިރޯނާއާ އެވެ. ރެއާލް ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.