ކުޅިވަރު

ލިވަޕޫލާއި ޔުނައިޓެޑަށް ސްޕެއިންގައި މެޗު ކުޅެވޭނެ

ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑަށް، ޔޫއެފާ ޗެމްޕިއަންސް ލީގް އަދި ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގެ އަވޭ މެޗުތައް ސްޕެއިންގައި ކުޅެވޭނެ ގޮތަށް ހަދައިފި އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ދެ ވަނަ ބުރުގައި އިނގިރޭސި ކުލަބުތަކާ ދެކޮޅަށް ކުޅުނު ބައެއް ގައުމުތަކުގެ ކުލަބުތަކުގެ ހޯމް މެޗުތައް ކުޅެން ޖެހުނީ ނިއުޓްރަލް ވެނޫއެއްގަ އެވެ. އެއީ އިނގިރޭސި ވިލާތަށް ދަތުރު ކުރުން މަނާ ކުރުމާއި އިނގިރޭސި ވިލާތުން އަންނަ ފަރާތްތައް އެ ގައުމުތަކަށް އެތެރެވުމުގެ ދޮރު ބަންދު ކުރުމުންނެވެ. ގައުމުތަކުން އެހެން ހެދީ، ކޮވީޑްގެ އާ ވޭރިއަޏްޓް އިނގިރޭސި ވިލާތުގައި ހަލުވި ކަމާއެކު ފެތުރޭން ފެށުމުންނެވެ.

ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގައި، ރެއާލް މެޑްރިޑް ކުޅެން ގުރު ލައްވާލީ ލިވަޕޫލަށެވެ. ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅެން ލައްވާލީ ގުރަނާޑާ އެވެ. މިދިޔަ ހަފުތާގައި ގުރު ނެގުމުން، ކްއާޓާގައި ރެއާލް އާއި ގުރަނާޑާގެ ހޯމް މެޗުތައް، އެހެން ގައުމެއްގައި ކުޅެން ޖެހިދާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ޑިސެމްބަރު 22 ން ފެށިގެން އިއްޔަ އާ ހަމަށް އިނގިރޭސި ވިލާތުން އަންނަ ފަރާަތްތަކަށް ސްޕެއިންއަށް އެތެރެ ނުވެވޭނެ ގޮތަށް އޮތް އަމުރު ސްޕެއިންގެ ސަރުކާރުން އިއްޔަ ވަނީ އުވާލާފަ އެވެ އެހެންކަމުން މިހާރު ލިވަޕޫލާއި ޔުނައިޓެޑްގެ ޓީމަށްވެސް ސްޕެއިންއަށް ދަތުރު ކުރުމުގައި ހުރަހެއް ނެތެވެ.

ލިވަޕޫލާއި ރެއާލްގެ ފުރަތަމަ ލެގް މެޗު އަންނަ މަހު ހަ ވަނަ ދުވަހު އޮންނާނީ، މެޑްރިޑް އަލްފުރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ. އޭގެ ދެ ދުވަސް ފަހުން ގުރަނާޑާގެ ނުއެވޯ ލޮސް ކަރަމެނޭސް ސްޓޭޑިއަމްގައި ގުރަނާޑާ އާ ޔުނައިޓެޑް ކުޅޭނެ އެވެ.

ޗެމްޕިއަންސް ލީގްގައި އިނގިރޭސި ކުލަބުތަކާ ދެކޮޅަށް ނުކުތް ސްޕެއިން އާއި ޖަރުމަންގެ ކުލަބުތަކުން އެ ކުލަބުގެ ހޯމް މެޗުތައް ކުޅުނީ ނިއުޓްރަލް ވެނޫގަ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޗެލްސީ އާ ދެކޮޅަށް ނުކުތް އެތުލެޓިކޯ މެޑްރިޑް ހޯމް މެޗު ކުޅުނީ ރޮމޭނީއާގެ ބުކަރެސްޓްގަ އެވެ. ޔޫރޮޕާ ލީގްގެ ގަދަ 32 ގޭ ބުރުގައި ރެއާލް ސޮސިއެޑާޑުގެ ހޯމް މެޗު ޔުނައިޓެޑާ ދެކޮޅަށް ކުޅުނީ އިޓަލީގެ ޓުރީންގަ އެވެ.

ޗެމްޕިއަންް ލީގްގެ ދެ ވަނަ ބުރުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީން، ރެޑްބުލް ލައިޕްޒިގް އަދި ބުރޫޝިއާ މޮންޗެންގުލެޖްބާކް އާ ދެކޮޅަށް ކުޅުނު ދެ ލެގް މެޗުވެސް ކުޅުނީ ހެންގޭރީގެ ބުޑަޕެސްޓްގަ އެވެ.