ސާޖިއޯ ރޯމޯސް އާ ދެކޮޅަށް ކުޅެން ޖެހުމުން ހާއްސަ މޯޓީވޭޝަނެއް ނެތް ކަމަށް ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ބުނެފި އެވެ.
ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގައި، ލިވަޕޫލުން ވާދަ ކުރާނީ ރެއާލް މެޑްރިޑާ އެވެ. ކްއާޓާގައި މި ދެ ޓީމު ގުރު ލައްވާލުމުން، ރާމޯސް އާއީ ސަލާހްގެ ކުރިމަތި ލުމެއްގެ ގޮތުގަައި މީޑިއާއިން ސިފަ ކުރި އެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލުގައި 2018 ވަނަ އަހަރު ލިވަޕޫލާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި، ސަލާހް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރޯމޯސް ވަނީ ސަލާހަށް ފައުލު ކޮށްފަ އެވެ.
އެ ފައުލާ ގުޅިގެން ސަލާހަށް އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުނެވެ. އެ އަނިޔާގެ ސަބަބުން ޖެހިގެން އޮތް ވޯލްޑް ކަޕްގައި ވެސް މިސްރު ޓީމުގައި އެކަށީގެންވާ ކުޅުމެއް އޭނާއަށް ނުދެއްކުނެވެ. ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ގަބޫލު ކުރަނީ، ކިއޭވްގެ ފައިނަލުގައި ރާމޯސް ސަލާހް އަށް ގެއްލުން ދިނީ ގަސްތުގައި ކަމަށެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާކާއަށް ސަލާހް ދިން އިންޓަވިއުގައި ރާމޯސް އާ ދެކޮޅަށް ކުޅެން ޖެހުމުން ހާއްސަ މޯޓިވޭޝަނެއް އާދޭތޯ ސުވާލު ކުރުމުން ސަލާހް ބުނީ، އެ މެޗަކީ މިހާރު ނިމިފައިވާ މެޗެއް ކަމަށާއި އެކަމާމެދު ނުވިސްނާ ކަމަށެވެ.
"އެ މެޗަކީ މިހާރު މާޒީ ވެފައިވާ މެޗެއް. އެ މެޗާ މެދު އަހަރެން ނުވިސްނަން،" މާކާގެ އިންޓަވިއުގައި ސަލާހް ބުންޏެވެ. "އަހަރެން ވިސްނަނީ އަހަރެންގެ ޓީމާ މެދު. އެންމެންވެސް ވިސްނާނީ އެބައެއްގެ ޓީމާ މެދު އަދި ކޮންމެ ޓީމެއްވެސް މަސައްކަތް ކުރާނީ މޮޅުވާން."
ކިއޭވްގެ ފައިނަލުގައި ލިވަޕޫލަށް ކުރިމަތިވި ނާކާމިޔާބުގެ މައްޗަށް ބަދަލު ހިފުމަށް އިތުރު ހިތްވަރެއް ލިބިފައވޭތޯ ސުވާލު ކުރުމުން ސަލާހް ބުނީ މިހެންނެވެ.
"އަހަރެން ބުނާނީ އަހަންނަށް ހާއްސަ މޯޓިވޭޝަނެއް ލިބެޔޭ މި ބުރު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދިއުމަށް،" ސަލާހް ބުންޏެވެ. "ކުރިއަށް ވާން އޮތް ކަމަކުން ކިއޭވްގެ ފައިނަލުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ އެއީ މިހާރު މާޒީވެފައިވާ މެޗެއް."
ސަލާހް ބުނީ، އެ މެޗުގެ ފަހުން ލިވަޕޫލްގެ ގިނަ ކަންކަމެއް ބަދަލުވެފައިވާ ކަމަށެވެ. ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމާއި ޕްރިމިއާ ލީގް ކާމިޔާބު ކޮށްފައިވާ ކަން އައި ބަދަލުގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ.
ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމުގެ ފުރަތަމަ ލެގް މެޗު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަު މެޑްރޑްގަ އެވެ. ދެ ވަނަ ލެގް މެޗު އޮންނާނީ 15 ވަނަ ދުވހު ލިވަޕޫލް ގަ އެވެ.