ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު -- ލުއިސް ޑި ލަ ފުއެންޓޭއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 63 އަހަރުގެ ޑި ލަ ފުއެންޓޭ އާއެކު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ އޭނާ ހޯދަމުންދާ ކާމިޔާބީތަކަށް ބަލައިގެންނެވެ.
ޑި ލަ ފުއެންޓޭ އަކީ 2013 ވަނަ އަހަރުން ފެށިގެން ސްޕެއިނުގެ ޒުވާން ޓީމުތަކަށް އިރުޝާދު ދެމުން އަންނަ ކޯޗެކެވެ.
އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ޓޯކިޔޯ އޮލިމްޕިކްސްގައި 23 އަހަރުން ދަށުގެ ޓީމާއެކު ހޯދި ރިހި މެޑެލް އަދި މިދިޔަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހިމެނެ އެވެ. މީގެ އިތުރުން އެންމެ ފަހުގެ ޔޫރޯ މުބާރާތުގައިވެސް ސްޕެއިން ވަނީ ސައްތައިން ސައްތައިގެ ރެކޯޑެއް ހޯދާފަ އެވެ.
ކުރިއަށް އޮތް އެންމެ މުހިއްމު މުބާރާތުގެ ގޮތުގައި ސްޕެއިނަށް ފާހަގަކުރެވެނީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕެވެ.
މި މުބާރާތުގައި ސްޕެއިނުން ވާދަކުރާނެ ގްރޫޕު ކަނޑައެޅިގެންދާނީ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު އެވެ.
ޑި ލަ ފުއެންޓޭގެ އާ އެއްބަސްވުމާއެކު، އޭނާ ސްޕެއިނުގެ ކޯޗުކަމުގައި ހުންނާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތާ ހަމައަށެވެ.