ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފްރާންސުން 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފި އެވެ.
ބެލްޖިއަމްގެ ބްރަސެލްސްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގު އޭގެ ގްރޫޕް ދޭއްގައި ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. ބެލްޖިއަމް އަށް ހަތަރު މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ބެލްޖިއަމް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޔޫރީ ޓީލަމެންސްއަށް އެ ފުރުސަތު ބޭނުން ނުކުރެވުނެވެ. އޭގެފަހުން 35 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ޕެނަލްޓީއަކުން ރެންޑަލް ކޮލޯ މުއާނީ ގޯލެއް ޖަހައި ފްރާންސް ކުރިއަށް ޖެހިލި އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެލްޖިއަމްގެ ލޮއިސް އޮޕެންޑާ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. ނަމަވެސް ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި މުއާނީ އިތުރު ގޯލެއް ޖަހައި ފްރާންސަށް ލީޑު ހޯދައިދިނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ފްރާންސްގެ އޯރުލެން ޗޫމެނީ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ފަހު 15 މިނެޓުގައި ފްރާންސް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ. އެހެން ނަމަވެސް ފްރާންސަށް މި މެޗުގެ ލީޑު ހިފެހެއްޓުނެވެ.