ކުޅިވަރު

ޕޯޗްގަލް، ފްރާންސަށް މޮޅު، އިންގްލެންޑްވީ ބަލި

ކޮވިޑް ޖެހުމުން އެކަހެރި ކޮށްފައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު ޕޯޗްގަލްއިން 3-0 ން ސްވިޑެން ބަލި ކޮށްފި އެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މިިދޔަ އަންގާރަ ދުވަހު އެވެ. އޭނާ ޕޮޒިޓިވް ވިކަން އެނގުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ޓެސްޓް ހެއްދުމުންނެވެ. އެހެން އެއްވެސް ކުޅުންތެރިޔަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ރޮނާލްޑޯ ނެތުމުން، ޕޯޗްގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ވަނީ އޭނާަގެ ޓީމުގެ އެތުރުމަށް ބަދަލު ގެނެސްފަ އެވެ. ރޮނާލްޑޯ ހުރެއްޖެނަމަ އޭނާ ޓީމު އަތުރާލަނީ 4-3-3 ގެ ސިސްޓަމަށެވެ. ސްވިޑެން އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސަންޓޯސް ޓީމު އަތުރާލީ 4-1-4-1 ގެ ސިސްޓަމަށެވެ. ތިން ފޯވަޑުންގެ ބަދަލުގައި އޭނާ ކުރިއަށް ނެރުނީ ޔޯއާ ފެލިކްސް އެކަންޏެވެ. ޑިއޭގޯ ޖޯޓާ އާއި ބެނާޑޯ ސިލްވާއަށް ފުރުސަތު އަށް ދިނީ ފެލިކްސްގެ ފަހަތުން އެޓޭކިން މިޑްފީލްޑަރުގެ ރޯލްތަކެވެ.

ޕޯޗްގަލްއަށް ނަތީޖާ ނެރެ ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޖޯޓާ އެވެ. އޭނަ ވަނި ދެ ލަނޑު ޖަހައި ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ވެސް ތަނަވަސް ކޯށްދީފަ އެވެ.

ޕޯޗްގަލްގެ ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާ ކާމިޔާބު ކުރީ ޖޯޓާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗްގަލްގެ ދެވަނަ ލަނޑު ޖޯޓާ ކާމިޔާބު ކުރި އެވެ އޭނާ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ.

އެ ގުރޫޕްގައި އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ވާދަ ކުރި ފްރާންސާއި ކްރޮއޭޝިއާ ކުޅުނު މެޗުން ފްރާންސް މޮޅުވީ 2-1 ންނެވެ. ފްރާންސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. ދެ ވަނަ ހާފުގައި ކްރޮއޭޝިއާގެ ވްލަސިކް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފްރާންސް މޮޅު ކޮށްދިން ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ އެވެ.

ލީގް އޭ ގެ ގުރޫޕް ދޭގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް ބަލިވިރު އެ ޓީމުން މެޗު ނިންމާލީ ދެ ކުޅުންތެރިންނަށް ރަތް ކާޑާއެކު އެވެ.

އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގްއާ އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޑެންމާކުގެ ކަސްޕާ ޑޮލްބާގް އަށް ކުރި ފަުލާއެކު ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެ ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީން ޑެންމާކަށް ލަނޑު ޖަހައި ދިނީ ކްރިސްޓިއަން އެރިކްސްނަ އެވެ.

މެޗުގެ އެންމެ ފަހު ކޮޅު އިންގްލެންޑްގެ ރީސް ޖޭމްސްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވަލި އެވެ. އެ ގުރޫޕްގައި އައިސްލެންޑާ ބެލްޖިއަމް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 2-1 ންނެވެ. އިޓަލީ އާއި ނެދަލޭންޑް ގުރޫޕް އެކެއްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.