ޔުއެއާފާ ޔޫރޯ 2020

ބެލްޖިއަމް-ޕޯޗުގަލް: ގަދަ 16 ގައި ފުރަތަމަ ފަހަރަށް

ޔޫރޯ 2020 ގައި މިރޭ ބެލްޖިއަމް އާއި ޕޯޗުގަލް ބައްދަލު ކުރާ މެޗަކީ މި ދެޓީމު ގަދަ 16 އިގެ މެޗެއްގައި ބައްދަލު ކުރާ ފުރަތަމަ މެޗެވެ.

މީގެ ކުރިން ޔޫރޯގެ ނޮކްއައުޓް ސްޓޭޖުގައި ބައްދަލު ނުކުރާ މި ދެ ޓީމަކީ މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާފައިވާ ދެޓީމެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި މެޗަކީ ޔޫރޯ 2020 ގެ ގަދަ 16 އިގައި ކުޅޭނެ އެންމެ ފޯރިގަދަ އެއް މެޗެވެ. ވަރުގަދަ މި މެޗުން ބަލިވާ ޓީމެއް މުބާރާތާއި އަލްވަދާއު ކިޔާނެ އެވެ. ސްޕެއިންގެ ލަކާޓުޖާ ސްޓޭޑިއަމްގައި ކުޅޭ މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ވަރުގަދަ އިޓަލީއާ އެވެ.

އޮއިވަރު އޮތްގޮތް

ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ބެލްޖިއަމުން ގަދަ 16 އަށް ދަތުރު ކުރީ ނުވަ ޕޮއިންޓާއެކު އެވެ. މުބާރާތުގެ ފެށުން ބެލްޖިއަމުން ވަނީ ވަރަށް ރަނގަޅު ކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމުން ހަތް ލަނޑު ޖަހާފައި ވާއިރު އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ.

ޕޯޗުގަލުން ވެސް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތް ގޯލު ކާމިޔާބު ކުރި އެވެ. ނަމަވެސް އެމީހުން ކޮޅަށް ވަދެފަވާ ގޯލު ގިނަ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ޕޯޗުގަލުން ދަތުރުކުރީ ގިނަ އަޑިގުދަންތަކެއް ގިރާ ކުރުމަށް ފަހު އެވެ. ފުރަތަމަ މެޗު ހަންގޭރީ އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ޖަރުމަނު އަތުން އެމީހުން ވަނީ ހިތި ގޮތަކަށް ބަލި ވެފަ އެވެ. ދެވަނަ ބުރަށް ޕޯޗުގަލުން ދަތުރު ކުރީ ފަހު މެޗުގައި ފްރާންސާއި އެއްވަރުކޮށް، ގްރޫޕްގެ ތިން ވަނައިގައި ގަދަ ހަތަރެއްގައި ހިމެނިގެނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު މި ދެކޯޗުންގެ ކުރިމަތިލުން ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ވަނީ ފަސް ގޯލު ޖަހައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ އެއް ވަނައަށް އަރާފަ އެވެ. އަދި މިއީ އޭނާ ކުޅޭނެ އެންމެ ފަހު ޔޫރޯ ކަމުން މި މުބާރާތް ކާމިޔާބު ކުރަން އޭނާ މަރުދޭނެ އެވެ.

ބެލްޖިއަމް

ޕޯޗުގަލް އާއި މިރޭ ބެލްޖިއަމުން ކުރިމަތިލާ އިރު 1989 ވަނަ އަހަރުގެ ފަހުން ބެލްޖިއަމް އަށް ޕޯޗުގަލް ބަލި ކުރެވިފައެއް ނުވެ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ފަދަ ބޮޑެތި ޓީމުތައް ބަލިކޮށް މި މެޗުން އެމީހުންނަށް މޮޅު ވުމަކީ ވާނެ ކަމެއްކަން އެމީހުން ވަނީ ދައްކާފަ އެވެ. މީގެ އިތުރުން ވިޓްސެލް، ހަޒާޑް އަދި ޑިބްރައިނާ އަނިޔާއިން ސަލާމަތްވެ ރަނގަޅު ފޯމެއްގައި މި މެޗަށް ތައްޔާރަށް ތިބުމަކީ މިރޭގެ މެޗުން ޕޯޗުގަލް ބަލި ކުރުމަށް ބެލްޖިއަމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

އަދި މިމެޗުން މޮޅުވުމަށްޓަކައި ރޮނާލްޑޯއަށް ގިނަ ބޯޅަ ތަކެއް ދީގެން ކުޅުވިއަ ނުދީ ހުއްޓުވަން ޖެހޭނެ އެވެ. ސަބަބަކީ އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް ގޯލު ޖެހުމުގެ ހުނަރު ލިބިފައިވާ މޮޅު ކުޅުންތެރިއަކަށް ވާތީ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނެޒް ބުނީ ބެލްޖިއަމް ޓީމު އޮތީ މިރޭގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ. އަދި ޕޯޗުގަލްގެ ޓީމަކީ ކޮންމެ ހާލަތަކަށް ވެސް ކުޅުން ފައްތާލާނެ ޓީމެއް ކަމުން އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށެވެ. މެޗުގެ އޮއެވަރު ކޮންމެ ގޮތަކަށް ވެސް ގޮސްފާނެ ކަމަށާއި އެހުރިހާ ކަމަކަށް ރޭވުންތެރިވާ ކަމަށް މާޓިނެޒް ބުންޏެވެ.

ޕޯޗުގަލް

ބެލްޖިއަމް ޓީމުން ކުޅެމުން އަންނަނީ ޖަރުމަނުން ވެސް އާންމު ގޮތެއްގައި ކުޅޭ -3-4-3- ނުވަތަ -3-5-2- ފޯމޭޝަނަށެވެ. އަދި ދެ ޓީމުގެ ކުޅުމުގެ ވައްޓާފާޅި ފުދޭވަރަކަށް އެއްގޮތެވެ. މިއީ ޕޯޗުގަލް ޓީމަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ބިރެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޖަރުމަނު އަތުން ޕޯޗުގަލް ބަލިވީ ހިތި ގޮތަކަށެވެ. މި މެޗުން ފިލާވަޅު ނަގައި ޕޯޗުގަލުން ވަނީ ފްރާންސް މެޗުގައި އެޓޭކާއި ޑިފެންސްގެ އިތުރުން މިޑްފިލްޑް ވަރުގަދަ ކޮށްފަ އެވެ. ބެލެެވޭ ގޮތުގައި މިރޭގެ މެޗަށް ވެސް ޕޯޗުގަލުން ނުކުންނާނީ ޑިފެންސް ނުވަތަ އެޓޭކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ބަދަލުގައި ވީހާވެސް ބެލެންސްކޮށް ކުޅުމަށެވެ.

އެންމެ ފަހު ޔޫރޯގައި ޕޯޗުގަލުން މުބާރާތް ކާމިޔާބު ކުރީ ގްރޫޕް ސްޓޭޖް އަދި ނޮކްއައުޓް ސްޓޭޖުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކި އެވެ. އަދި 2008 ވަނަ އަހަރު ގްރީސްގެ ފަހުން ޑިފެންޑިން ޗެމްޕިއަނެއް އެންމެ ދަށްކޮށް ދެވަނަ ބުރަށް ދަތުރު ކުރީ މިފަހަރު ޕޯޗުގަލް އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސެންޓޮސް ބުނީ ބެލްޖިއަމަކީ ގިނަ ގޯލުތަކެއް ޖަހައިގެން މޮޅަށް ކުޅޭ ޓީމެއް ކަމަށެވެ. އަދި ބެލްޖިއަމް އިން ނުވަތަ ޕޯޗުގަލުން ވެސް އެއްވެސް ކުޅުންތެރިއެއް މޭން މާކު ކޮށްގެން މި މެޗުގައި ނުކުޅޭނެ ކަމަށެވެ. އިދިކޮޅުން ކުރިމަތިލާން މިޖެހެނީ ވަރުގަދަ ޓީމަކަށް ވާތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެ މޮޅުވުމަކީ އަމާޒު ކަމަށް އޭނަ ބުންޏެވެ.

ޕޯޗުގަލް އާއި ބެލްޖިއަމްގެ ކުރިމަތިލުންތައް

މިހާތަނަށް މި ދެޓީމު ވަނީ ބައިނަލްއަގްވާމީ ގޮތުން 18 މެޗެއްގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ހަ މެޗުން ޕޯޗުގަލް މޮޅުވެފައި ވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ. ބެލްޖިއަމް މޮޅުވެފައި ވަނީ ފަސް މެޗުންނެވެ. ފިފާ ވޯލްޑް ކަޕުގައި ދެ ފަހަރަށް ބައްދަލު ކުރިއިރު ޕޯޗުގަލް މޮޅެއް ނުވެ އެވެ. ބެލްޖިއަމް އެއް މެޗުން މޮޅުވެ އަނެއް މެޗުން ވަނީ އެއްވަރު ކޮށްފަ އެވެ. ނަމަވެސް 2007 ވަނަ އަހަރު ކުޅުނު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެ މެޗު ކާމިޔާބު ކުރީ ޕޯޗުގަލުންނެވެ.