ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ހަންގޭރީ އާއި އެއްވަރުކޮށް ގްރޫޕް އެފްގެ ދެވަނަ ޓީމެއްގެ ގޮތުގައި ޖަރުމަނު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ހަންގޭރީ އާއި ޖަރުމަނު މިރޭ ވާދަ ކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ޖަރުމަނުގެ އެލިއެންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހަންގޭރީންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ގޯލު ހަންގޭރީއަށް ކާމިޔާބު ކޮށްދިނީ އެޑަމް ޒަލާއީ އެވެ. މަތިމަތިން ހުރަސް ވެގެން އައި ބޯޅަ ޒަލާއީ ވަނީ ޖަރުމަނުގެ ގޯލަށް ފޮނުވާލާފަ އެވެ.
ގޯލަށްފަހު ހަންގޭރީން ވަނީ މުޅި ޓީމު ފަހަތައް ޖައްސާ ބައިކޮޅަށް ގޯލެއް ވަނައް ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. ނަތީޖާއަކަށްވީ ހަންގޭރީގެ ހިލަ ޑިފެންސް ޖަރުމަނަށް ފޫއަޅުވައި ނުލެވުމެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގޯލު ޖެހަން ރަނގަޅު ފުރުސަތެއް ޖަރުމަނަށް ލިބުނެވެ. ކޯނަރަކުން އައި ބޯޅަ ޖަރުމަނުގެ ހަމެލްސް ބޮލުން ޖަހާ ފޮނުވާލި ނަމަވެސް އަމާޒުވީ ހަންގޭރީ ގޯލުގެ ދަނޑިއާ އެވެ.
ހަންގޭރީއަށްް އެ މީހުންގެ ގޯލު ހިފެހެއްޓުނީ 66 ވަނަ މިނެޓާ ހަމައަށެވެ. ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފާ ކައި ހަވާޓްސް ވަނީ މެޗުގެ 66 ވަނަ މިނެޓުުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޖަރުމަނުގެ ގޯލަށްފަހު މިނެޓެއް ނުވާނެ އެވެ. ހަންގޭރީން ބޯޅަ ކޮއްޓި ގޮތަށް ގޮސް ޖަރުމަނުގެ ގޯލަށް ބޯޅަ ވައްދާލާފަ އެވެ. މި ލަނޑު ހަންގޭރީއަށް ކާމިޔާބު ކޮށްދިނީ ޝޭފާ އެވެ.
މިއާއެކު ޖަރުމަނުގެ ކޯޗު ޔޮއަކިމް ލޯއަށް ޓީމުގެ އެޓޭކް ވަރުގަދަ ކުރަން މަޖުބޫރު ވިއެވެ. އެގޮތުން އެޓޭކް ލައިން ވަރުގަދަ ކުރުމަށްޓަކައި އަނިޔާއިން މުޅިން ސަލާމަތް ނުވި ނަމަވެސް ތަޖުރިބާކާރު ފޯވާޑު ތޯމަސް މުލާ ވަނީ ކުޅެން ނެރެފަ އެވެ. އެއަށްފަހު ޖަރުމަނުން މަސައްކަތް ކުރީ ދިގު ބޯޅަތަކެއް ކުރިއަށް ލައިގެން ގިނަ ހަމަލާތަކެއް އުފެއްދުމަށެވެ. އެއީ ވާރޭ ވެހެމުގެ ސަބަބުން ބޯޅަ ބިމުގައި ގެންގުޅެން އުނދަގޫ ވީމަ އެވެ.
އެޓޭކް ލައިން ވަރުގަދަކޮށް ޖަރުމަނުން ވަނީ ހަންގޭރީގެ ޑިފެންސް ލައިނަށް ނުކަތާވަރަށް ޕްރެޝާ ކޮށްފަ އެވެ. ނަތީޖާ އަކަށްވީ ޖަރުމަނުގެ ހަމަލާތަކަށް ކެތް ނުކުރެވި ހަންގޭރީގެ ޑިފެންސް ފޫއެޅުމެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގިރެޒްކާ އެވެ.
ދެ ޓީމުން ދެ ގޯލު ޖެހި ނަމަވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޖަރުމަނުންނެވެ. އެމީހުން ވަނީ ރޭވުންތެރި ކަމާއެކު ތަޖުރިބާ އާއި މޮޅެތި ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް މި މެޗުގައި ހިފާފަ އެވެ.
މިރޭގެ ނަތީޖާ ތަކާއި އެކު ޖަރުމަނާއި ޕޯޗުގަލް އަށް ހަތަރު ޕޮއިންޓު ލިބުނެވެ. ޖަރުމަނު ދެވަނައިގައި އޮތީ ޕޯޗުގަލް އާއި ޖަރުމަނު ވާދަ ކުރި މެޗުން ޖަރުމަނު މޮޅުވުމުންނެވެ. ގްރޫޕްގެ އެއް ވަނައިގައި ފްރާންސް ދެވަނަ ބުރަށް ދަތުރު ކުރީ ފަސް ޕޮއިންޓާއި އެކުގަ އެވެ. ތިން ވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެން ޕޯޗުގަލް އިން ވަނީ ދެވަނަ ބުރު ކަށަވަރު ކޮށްފަ އެވެ. ހަންގޭރީ މުބާރާތާއި ވަކިވީ ދެ މެޗުން އެއްވަރުވެ ދެ ޕޮއިންޓާއި އެކުގަ އެވެެ.