ކުޅިވަރު

ޕޯޗުގަލް ބަލިކޮށް ޖަރުމަނުން އަސްލު ސައިޒު ދައްކާލައިފި

ޖަރުމަނުގެ އެލިއެންޒް އެރީނާ ގައި ޕޯޗުގަލް ބަލިކޮށް ޖަރުމަނުން އުންމީދު އާކޮށް ގްރޫޕްގެ ދެވަނައަށް ޖެހިލައިފި އެވެ. މިރޭގެ މެޗުން ޖަރުމަނު މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ޖަރުމަނުން އެކްރޮބެޓިކް ގޯލެއް ޖެހި ނަމަވެސް އެ ގޯލު ވަނީ ބަލައި ނުގަނެފަ އެވެ. އެއީ އެޓޭކް އުފެއްދުމުގެ ތެރެއިން އެ ޓީމުގެ ތޯމަސް މުލާގެ އަތުގައި ބޯޅަ ޖެހިގެނެވެ.

މިރޭ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޕޯޗުގަލް އިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ޖޮޓާ ދިން ޕާހެއް ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ދެ ލަނޑު ޖަހައި ވަނީ މެޗުގެ އޮއިވަރު ބަދަލު ކޮށްލާފަ އެވެ. ޖަރުމަނުން ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑަކީ ޕޯޗުގަލް އިން ބައިކޮޅަށް ޖެހި ދެލަނޑެވެ. ފުރަތަމަ ލަނޑު އައީ ޕޯޗުގަލްގެ ރުބްނެ ޑިއަސްގެ ފަރާތުންނެވެ، އަނެއް ލަނޑު ރަފޭލް ގެރޭރޯގެ އަތުންނެވެ،

ފޯރިގަދަ މި މެޗުގައި ޖަރުމަނުން ހުރީ ދެވަނަ ހާފުގައި ވެސް ދޫދީ، ފަހަތަށް ޖެހިގެން ކުޅޭ ގޮތަކަށް ނޫނެވެ. ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޒް ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ރޮބިން ގޮސެންސް ވަނީ ކިމިޗް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ކަނާތު ކަނަށް ވައްދާލާފަ އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޕޯޗުގަލްގެ ސަންޗެޒް އަށް ވަނީ ފަރަގު ކުޑަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބާރު ރޮކެޓެއް ހެން ފޮނުވާލި މި ބޯޅަ އަމާޒުވީ ޖަރުމަނު ގޯލުގެ ކަނާތު ދަނޑިއަށެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާ ކުރުމަށް ޖަރުމަނުގެ ގޮރެޒްކާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ޕޯޗުގަލް ގޯލުގެ މަތީ ދަނޑިއަށެވެ.

ޕޯޗުގަލްއިން މަސައްކަތް ކުރަމުން ދިޔައީ ފަހަތުން އަރާ ޖަރުމަނާއި ހަމަ ކުރުމަށެވެ. އެގޮތުން ކުރި މަސައްކަތުން ރޮނާލްޑޮ ނަގައިދިން ހުރަހެއް މިފަހަރު ހުސް ގޯލުގެ ތެރެއަށް ވައްދާލީ ޖޮޓާ އެވެ. މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ޕޯޗުގަލް ކޮޅަށް ހަތަރު ގޯލު ވަދެފައި ނުވާއިރު ފަހަތުން އަރާ ހަމަ ކުރުމަށް ޕޯޗުގަލް ވަނީ ނުކުޅެދިފަ އެވެ.

މިރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ޖަރުމަނު ޓީމުންނެވެ. ޖަރުމަނުން ވަނީ އެޓޭކް ކުރުމުގައި އެޓީމުގެ ދެ ފަޅިން ފަހަތަށް ކުޅުނު ކިމްޗާއި ގޯސެންސްގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ. ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ ހުރަސްތަކެއް ނަގާފައި ވާއިރު ޕޯޗުގަލްގެ ދެ ފަޅިން ކުރިއަށް ކުޅުނު ކުޅުންތެރިންނަށް ފަހަތަށް ފައިބާ ބޯޅަ ދިފާއު ކުރެވިފައެއް ނުވެ އެވެ. ނަތީޖާ އަކަށްވީ ދެ ފަޅިން ނަގަމުންދިޔަ ހުރސްތައް ނުރައްކާތެރިވެ، ޕޯޗުގަލްގެ ގޯލަށް ގިނަ ބޯޅަ ތަކެއް ވަނުމެވެ.

މިއާއެކު ޖަރުމަނު ގްރޫޕް އެފްގެ ދެވަނައަށް އަރާފައި ވާއިރު، ޕޯޗުގަލް ވަނީ ތިންވަނައަށް ވެއްޓިފަ އެވެ. ޕޯޗުގަލް ތިން ވަނައިގައި އޮތީ ބައިކޮޅަށް ވަދެފައިވާ ގޯލު ގިނަ ވުމުންނެވެ. މިރޭ ކުޅުނު މެޗުން އެއްވަރުވެ، އެއް ޕޮއިންޓާއި އެކު ހަންގެރީ އޮތީ ގްރޫޕުގެ ފުލުގަ އެވެ. އަދި ފުރަތަމަ މެޗުން މޮޅުވެ، މިރޭ މެޗުން އެއްވަރުކޮށް ފްރާންސް އޮތީ "މަރުގެ ގްރޫޕު" ގެ އެއް ވަނައިގަ އެވެ.