ޔުއެއާފާ ޔޫރޯ 2020

ރޮނާލްޑޯގެ ދެޕެނަލްޓީން ޕޯޗުގަލް ދެވަނަ ބުރަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ޕެނަލްޓީން ގްރޫޕްގެ ތިން ވަނައިގައި ޕޯޗުގަލް ޔޫރޯ 2020 ގެ ދެވަނަ ބުރު ކަށަވަރު ކޮށްފި އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ޕޯޗުގަލް އާއި ފްރާންސް ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި ފެނުނު ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ދެ ލަނޑެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ އިން ލީޑު ނެގީ ޕޯޗުގަލް އެވެ. މި ޕެނަލްޓީއަކީ ފްރާންސްގެ ކީޕަރު ލޮރިސް ކުރި ފައުލަކުން ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީ އެކެވެ.

ރޮނާލްޑޯގެ ގޯލަށް ފަހު ޕޯޗުގަލްގެ ޓީމަށް ވަނީ އިތުރު ހިތްވަރަކާއި އިތުބާރެއް ލިބިފަ އެވެ. އޭގެ ނަތީޖާ އަކަށްވީ ރޮނާލްޑޯ، ބާނާޑޯ ސިލްވާ އަދި ސަންޗޭޒް ގުޅިގެން މޮޅު ކުޅުމަކާއެކު ފްރާންސަށް ނުރައްކާ ކުރުމެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ފްރާންސަށް ނަތީޖާ ހަމަ ކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭ ހޯދައިދިން ޕެނަލްޓީއަކުން ރިއަލް މެޑްރިޑްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒިމާ އެވެ. ކީޕަރު ނުބައި ފަޅިއަށް ވައްޓާލައި ބެންޒީމާ ކާމިޔާބު ކުރި މި ގޯލަކީ ޔޫރޯގެ މެޗެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެންވީ މިނެޓެކެވެ. ފްރާންސުން ވަނީ ފަހަތުން އަރާ ލީޑު ހޯދާފަ އެވެ. ޕައުލް ޕޮގްބާ ދިން ބޯޅަ ހިފައިގެން ގޮސް ޕޯޗުގަލް ގޯލުގެ ދުރު ކަނަށް ވައްދާލީ މިފަހަރު ވެސް ބެންޒިމާ އެވެ. މި ގޯލަކީ އޮފްސައިޑު ގޯލެއްތޯ ބެލުމަށް ފަހު ރެފްރީ ނިންމީ ބޯޅަ ލިބުނު އިރު ބެންޒިމާ ހުރީ އޮންސައިޑުގައި ކަމަށެވެ.

ފްރާންސުން ލީޑު ނެގިތާ މާ ގިނައިރު ނުވަނީސް ކީޕަރު ނުބައި ފަޅިއަށް ވައްޓާލާ، ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮނާލްޑޯ އެވެ. މިފަހަރު ވެސް ޕެނަލްޓީ އަކުންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އަލުން ލީޑު ހޯދުމަށް ފްރާންސަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ޕައުލް ޕޮގްބާ ފޮނުވާލި ބާރު ހަމަލާ ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ވަނީ ދިފާއު ކޮށްފަ އެވެ. ޕެޓްރީސިއޯ އަތުގައި ޖެހުމަށް ފަހު ދަނޑިގައި ޖެހިފައި ނުކުތް ބޯޅަ އަނެއްކާ ގޯލަށް ފޮނުވާލީ ބާސެލޯނާގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމެން އެވެ. ކައިރިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނަ ނުދީ ސަލާމަތް ކުރީ މިފަހަރު ވެސް ޕެޓްރީސިއޯ އެވެ.

މިރޭ ޖެހި ދެ ޕެނަލްޓީ އާއެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި ފަސް ގޯލު ޖަހާފަ އެވެ. ޔޫރޯ 2020 ގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ޕޯޗުގަލްގެ ގޯލް މެޝިން، ރޮނާލްޑޯ އެވެ. ދެން އެންމެ ގިނައިން ގޯލު ޖަހާފައިވާ ކުޅުންތެރިންނަށް ޖެހިފައި ވަނީ ތިން ގޯލެވެ.

މި ނަތީޖާ އާއެކު ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައި ދެވަނަ ބުރަށް ދަތުރުކުރީ ފްރާންސެވެ. ޕޯޗުގަލް ދެވަނަ ބުރު ކަށަވަރު ކުރީ ހަތަރު ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ޕޯޗުގަލަށް ދެވަނަ ބުރު ޔަގީން ވަނީ ތިން ވަނައިގައި ހިމެނޭ ޓިމުތަކުގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ހަތަރު ޕޮއިންޓާއެކު ޖަރުމަނު ދެވަނައިގައި ދެވަނަ ބުރަށް ދަތުރު ކުރީ ޕޯޗުގަލް މެޗުން މޮޅު ނުވުމުންނެވެ. މިރޭގެ މެޗުން އެއްވަރު ވުމުން ހަންގޭރީ މުބާރާތުން ކެޓީ ދެ ޕޮއިންޓާއި އެކުގަ އެވެ.