ފާއިތުވި ދެ މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުމުން ހޯސޭ މޮރީނިއޯގެ ފާޑުކިއުން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އަށް އަމާޒު ވެއްޖެ އެވެ.
ރޯމާގެ ކޯޗު ކަމަށް ފައިނަގައިގެން ހުރި މޮރީނިއޯ ބުނީ ޕޯޗުގަލްގެ އޮތީ ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭނެ ފަދަ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް ފާއިތުވި ދެ މެޗުގައި ކުޅުނީ 10 ކުޅުންތެރިން ކަމަށެވެ. އަދި ދަނޑު މަތީގައި ހުރި ނަމަވެސް ބްރޫނޯގެ ކުޅުން ނުފެންނަ ކަމަށެވެ.
އުންމީދަކީ ފްރާންސާއި ބައްދަލުކުރާ މެޗުގައި އޭނާ [ބްރޫނޯ] ގެ ކުޅުން ރަނގަޅު ކުރާނެ ކަމަށް. ބްރޫނޯއަށް މޮޅެތި ޕާސް ދެވޭނެ. އެހާމެ ސަޅި ގޯލު ޖެހޭނެ. އަދި ޕެނަލްޓީ ހޯދައި ޕެނަލްޓީ ކާމިޔާބު ކުރުމުގެ އިތުރުން ހިލޭ ޖެހުން ވެސް ޖެހޭނެ. ބްރޫނޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް،ޖޯސޭ މޮރީނިއޯ
ބްރޫނޯ އާއި ހިލާފަށް މި މުބާރާތުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން ރޮނާލްޑޯ އަކީ ދެ މެޗުން ތިން ގޯލު ޖަހާ، މިހާތަނަށް މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ އެއް ކުޅުންތެރިޔާ އެވެ.
އޮއެވަރު އޮތްގޮތް
ޔޫރޯ 2016 ގެ ޗެމްޕިއަން ޕޯޗުގަލް އާއި 2018 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން މިރޭ 12:00 ގައި ބައްދަލު ކުރާ މެޗު ވެގެން ދާނީ މުޅި މުބާރާތުގެ އެންމެ ވަރުގަދަ އެއް ކުރިމަތިލިމަށެވެ. ޖަރުމަނު މެޗުން ހިތި ގޮތަކަށް ބަލިވުމުން ޔޫރޯ 2016 ގެ ފައިނަލްގައި ކުޅުނު މިދެޓީމުގެ ތެރެއިން މި މެޗު ބޮޑަށް މުހިންމީ ޕޯޗުގަލް އަށެވެ.
މަރުގެ ގްރޫޕް ގޮތުގައި ބެލެވޭ ގްރޫޕް އެފްގައި މިރޭ ކުޅޭ މަރުގެ މެޗުން އެއްވަރުވި ނަމަވެސް ފްރާންސަށް ދެވަނަ ބުރު ޔަގީން ވާނެ އެވެ. އަދި ބަލިވި ނަމަވެސް ތިން ވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެން ފްރާންސް ދެވަނަ ބުރަށް ދާނެ އެވެ.
މިރޭގެ މެޗުން އެއްވަރު ވެއްޖެ ނަމަ ޕޯޗުގަލް އަށް ގްރޫޕްގެ ދެވަނައަށް އެރިދާނެ އެވެ. އެއީ ޖަރުމަނު-ހަންގޭރީ މެޗުން ޖަރުމަނު ބަލިވެއްޖެ ނަމަ އެވެ. ޕުސްކަސް ސްޓޭޑިއަމްގައި މިރޭ ފްރާންސް ބަލިކޮށް ގްރޫޕްގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުސަތުވެސް ޕޯޗުގަލް އަށް އެބައޮތެވެ. މި މެޗުން ބަލިވެއްޖެ ނަމަ ޕޯޗުގަލްއަށް ދެވަނަ ބުރަށް ދެވޭނީ ތިންވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ޕޯޗުގަލް ބަލިވެ، ޖަރުމަނު-ހަންގޭރީ މެޗުން ހަންގޭރީ މޮޅުވެއްޖެ ނަމަ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ޖެހޭނީ މުބާރާތާއި ދުރަށް ޖެހިލާށެވެ.
ފްރާންސް
މިރޭގެ މެޗުގައި ހިތް ހަމަޖެހުން އޮތީ ފްރާންސަށެވެ. ބަލި ނުވަތަ އެއްވަރުވި ނަމަވެސް ދެވަނަ ބުރު ލިބުން ގާތް ފްރާންސް މި މެޗުގައި ވެސް ނިކުންނާނީ މޮޅަކަށެވެ. ފްރާންސް ނިކުންނާނީ ހަންގޭރީ މެޗުން އެއްވަރުވި ނަމަވެސް މިރޭ ޕޯޗުގަލް ބަލިކޮށް ގްރޫޕްގެ އެއް ވަނައިގައި ދެވަނަ ބުރަށް ދިއުމަށެވެ. ފްރާންސްގެ އުންމީދަކީ ޔޫރޯގެ ނުވަ މެޗެއް ކުޅެ މިހާތަނަށް ގޯލެއް ޖެހިފައިނުވާ ބެންޒީމާގެ ފަރާތުން މިރޭ ގޯލެއް ފެނުމެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝަމްޕްސް ބުނީ އަމާޒަކީ ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރިގެން ގްރޫޕްގެ އެއް ވަނައިގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުން ކަމަށެވެ. ނަމަވެސް ދެވަނަ ބުރު ޔަގީން ވެފައި ވާތި އެއްވެސް ވަރެއްގެ ހާސް ކަމެއް ނެތް ކަމަށެވެ.
ޕޯޗުގަލް
ޔޫރޯ 2016 ގައި ޕޯޗުގަލުން ތަށި ނަގާފައި ވަނީ އަދި މިއަށްވުރެ މާ ނާޒުކު ހާލަތެެއްގައި ފުރަތަމަ ބުރު ކަޑައްތު ކޮށްގެންނެވެ. އެ މުބާރާތުގައި ޕޯޗުގަލް ގްރޫޕް ސްޓޭޖް ނިންމާލީ އެންމެ މެޗަކުން ވެސް މޮޅެއް ނުލިބި އެވެ. އެފަހަރު ޕޯޗުގަލް ދެވަނަ ބުރަށް ދިޔައީ ތިން ވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. މިރޭގެ މެޗުގައި ނުތަނަވަސްކަން އޮތީ ޕޯޗުގަލް އަށް ކަމަށް ވާއިރު މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ޕޯޗުގަލް މުބާރާތުން ކެޓުންވެސް އެކަށީގެންވެ އެވެ. މިއީ ގިނަ ބަޔަކު ގަބޫލުކުރާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ޔޫރޯ ކަމަށް ވާއިރު، ދެވަނަ ބުރު ޔަގީން ކުރުމަށް މިރޭ އޭނާ މަރުދޭނެ އެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސެންޓޯސް ބުނީ ޖަރުމަނާ އެކު ކުޅުނު މެޗުގެ ދިރާސާއެއް ހަދުމުން އެނގުނީ މިކުޅެވެނީ އަދި ޕޯޗުގަލްގެ ކުޅުން ނޫން ކަމަށެވެ. އަދި އެޓޭކް ކުރުމާއި ޑިފެންސް ކުރުމަކީ ޓީމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ފްރާންސަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އެމީހުން ވަރަށް މޮޅަށް ޑިފެންސް ކުރާ ކަމަށް ސެންޓޯސް ބުންޏެވެ.
ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން އެއްވަރު ވެގެން ފްރާންސް އޮތީ ގްރޫޕްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާއި އެކު އެވެ. ޕޯޗުގަލް އާއި ޖަރުމަނަށް ލިބުނީ ތިން ޕޮއިންޓެވެ. ޕޯޗުގަލް ތިން ވަނައިގައި އޮތީ ޖަރުމަނާއި ބައްދަލު ކުރި މެޗުން ބަލިވުމުން ހެޑް ޓު ހެޑް އަށް ބަލާފަ އެވެ. އެއް ޕޮއިންޓާއި އެކު ގްރޫޕްގެ ފުލުގައި އޮތީ ހަންގޭރީ އެވެ.
ޕޯޗުގަލް އާއި ފްރާންސްގެ ކުރިމަތިލުންތައް
ޕޯޗުގަލް އާއި ފްރާންސް މިހާތަނަށް 27 މެޗެއްގައި ބައްދަލު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 19 މެޗު ކާމިޔާބު ކުރީ ފްރާންސުންނެވެ. ޕޯޗުގަލް އަށް ކުރި ހޯދުނީ އެންމެ ހަ މެޗުންނެވެ. އަދި ދެ މެޗަކުން ވަނީ އެއްވަރު ވެފަ އެވެ. މުބާރާތެއްގައި ޕޯޗުގަލް އަށް ފްރާންސް ބަލި ކުރެވުނީ އެންމެ ފަހަރެއްގަ އެވެ. އެއީ ޔޫރޯ 2016 ގެ ފައިނަލް މެޗުގަ އެވެ. ޕޯޗުގަލް މޮޅުވި ބާކީ ފަސް މެޗަކީ ރަހުމަތްތެރި ކަމުގެ މެޗުތަކެވެ.