ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ޖަރުމަނާއި ހަންގޭރީ އަށް އޮތީ ވަރުގަތަ ކުރިމަތިލުމެކެވެ. މިރޭގެ މެޗުތަކުގެ ތެރެއިން ޕޮއިންޓް ޓޭބަލަށް ބަލާއިރު އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވޭ އެއް މެޗަކީ ވެސް ޖަރުމަނާއި ހަންގޭރީގެ މެޗެވެ.
އޮއެވަރު އޮތްގޮތް
ޖަރުމަނުގެ އެލިއެންޒް އެރީނާގައި މިރޭ ޖަރުމަނާއި ހަންގޭރީ ބައްދަލުކުރާ މެޗަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ބައްދަލުކޮށް ޖަރުމަނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކައިރިން ޖަރުމަނު ވަނީ ތަފާތު ބޮޑު މޮޅެއް ހޯދާފަ އެވެ. ތިން ޕޮއިންޓާއި އެކު ދެ ވަނައިގައި އޮތް ޖަރުމަނަށް މި މެޗުން އެއްވަރު ކޮށްގެން ވެސް ދެވަނަ ބުރަށް ދެވިދާނެ އެވެ. އަދި ތަފާތު ބޮޑު ނަތީޖާއަކުން މި މެޗުގައި ޖަރުމަނު މޮޅުވެފައި، ޕޯޗުގަލް ފްރާންސް ބަލިކޮށްފި ނަމަ ޖަރުމަނަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ. ޕޯޗުގަލް-ފްރާންސް މެޗު އެއްވަރުވެފައި ޖަރުމަނު މޮޅުވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ އެ ޓީމަށް ކަށަވަރު ވާނެ އެވެ.
ހަންގޭރީ އަށް އޮތީ މި މެޗުން މޮޅުވުމެވެ. އެއްވަރު ވިޔަސް މުބާރާތުން ކަޓާނެ އެވެ. ހަންގޭރީން ޖަރުމަނު ބަލިކޮށް، ޕޯޗުގަލް ކައިރިން ފްރާންސް މޮޅުވެއްޖެ ނަމަ ހަންގޭރީއަށް ގްރޫޕްގެ ދެވަނަ ކަށަވަރުވާނެ އެވެ.
ޖަރުމަނު
ޕޯޗުގަލް މެޗުގައި ފާއިތުވި ތިން އަހަރު ތެރޭގައި ޖަރުމަނުން ނުދައްކާ ވަރުގެ މޮޅު ކުޅުމެއް ދައްކައި އެޓީމު ވަނީ ދުނިޔެ ސިއްސުވާލާފަ އެވެ. އަދި ގުންޑޯގަން އާއި މެޓްސް ހަމެލްސްގެ އިތުރުން ލިއޮން ގޮރެޒްކާ އަނިޔާއިން ސަލާމަތްވެ މިރޭގެ މެޗުގައި ޓީމާއި ގުޅުމަކީ ޖަރުމަނުގެ ކޯޗު ޔޮއާކިމް ލޯ އަށް ލީބެނެ ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ.
ނަމަވެސް ޓީމަށް ލިބިފައިވާ އެންމެ ބޮޑު ނުތަނަވަސް ކަމަކީ ބަޔާން މިއުނިކްގެ ތަރި ތޯމަސް މުލާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވުމެވެ. މުލާ ނެތްތަން ފޫބައްދަން ކުރިއާލައި އެއްވެސް ޕްލޭނެއް ހެދިފައި ނެތުމީ ލޯއަށް މިހާރު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމެވެ. އޭނާ ނެތްކަމުގެ ހީނަރުކަން ޓީމުން ފެނިގެން ދާނެ ކަމަށް ބެލެވޭއިރު ގެނެވޭނެ މާ ބައިވަރު ބަދަލެއް ނެތެވެ. ލޫކަސް ކްލޮސްޓާމަން ވެސް މިހާރު ހުރީ އަނިޔާގަ އެވެ. އެހެން ނޫން ނަމަ ކިމިޗް މިޑްފީލްޑްގެ ތެރެއިން ފަހަތަށް ޖައްސާފައި ލޫކަސް އެ މަގާމަށް ގެނެވޭނެ އެވެ.
ޓީމުގެ ކޯޗު ލޯ ބުނީ މިރޭގެ މެޗަށް ނިކުން އިރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ. ނަމަވެސް މި މެޗު ފަސޭހަ ނުކުރާނެ ކަމަށާއި، ދެވަނަ ބުރަށް ދާން ބެނުން ވަނީ މިރޭގެ މެޗުން މޮޅުވެ ޔަގީން ކަމާއި އެކުގައި ކަމަށެވެ.
ހަންގޭރީ
މިރޭގެ މެޗުގައި ހަންގޭރީ އަށް މޮޅުވުން ނޫން ގޮތެއް ނެތެވެ. ޕޯޗުގަލް އާއި ބައްދަލު ކުރި މެޗުގެ ފަހު ވަގުތުގައި ހެދުނު ގޯސްތަކަކުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް އެޓީމުން ވަނީ ފްރާންސާއި ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއް ދައްކައި އެއްވަރު ކޮށްފަ އެވެ. މިއީ މިރޭގެ މެޗަށް ނިކުންނައިރު ހަންގޭރީ އަށް ލިބެނެ އެންމެ ބޮދު ހިތްހަމަޖެހުމެވެ.
ހަންގޭރީގެ ކޯޗު މާކޯ ރޮސީ ހުރީ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މޮޅުވާން މަސައްކަތް ކުރާށެވެ. އޭނާ ޖަރުމަނު ސިފަކޮށްފައި ވަނީ ފްރާންސާއި ޕޯޗުގަލް އަށް ވުރެ މާ މޮޅު ޓީމެއްގެ ގޮތުގަ އެވެ. އެހެން ކަމުން ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް މި މެޗުގައި ނިކުންނާނީ ފްރާންސާއި ދެކޮޅަށް ކުޅުނު ފަދަ މޮޅު ކުޅުމެއް ދައްކައި މެޗުން މޮޅުވަން ކަމަށް ރޮސީި ބުންޏެވެ.
މަރުގެ ގްރޫޕް ގޮތުގައި ބެލެވޭ ގްރޫޕް އެފްގެ ދެ ވަނައިގައި ޖަރުމަނު އޮތީ ތިން ޕޮއިންޓާއި އެކު އެވެ. ޕޯޗުގަލް އަށް ތިން ޕޮއިންޓު ލިބުނު ނަމަވެސް ޖަރުމަނު ކުރީގައި އުޅެނީ ޖަރުމަނާއި ޕޯޗުގަލް ބައްދަލު ކުރި މެޗުން ޖަރުމަނު މޮޅުވުމުންނެވެ.
ހަންގޭރީ ގްރޫޕްގެ ފުލުގައި އޮތީ އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ބަލިވުމުން ލިބުނުު އެއް ޕޮއިންޓާއި އެކު އެވެ. އެެއް ވަނައިގައި އޮތް ފްރާންސަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
ޖަރުމަނާއި ހަންގޭރީގެ ކުރިމަތިލުންތައް
ޖަރުމަނާއި ހަންގޭރީ މިހާތަނަށް 34 މެޗެއްގައި ބައްދަލު ކޮށްފައިވެ އެވެ. މީގެތެރެއިން 10 މެޗުން ވަނީ އެއްވަރުވެފަ އެވެ. ޖަރުމަނަށް ކުރި ހޯދުނީ 13 މެޗުންނެވެ. އަދި ހަންގޭރީ އަށް ޖަރުމަނު ބަލި ކުރެވިފައި ވަނީ 11 މެޗުންނެވެ. މީގެ ތެރެއިން ޖަރުމަނުން ގިނައިން މޮޅުވެފައި ވަނީ ރަހުމަތްތެރިކަމުގެ މެޗުތަކުންނެވެ. ހަންގޭރީ ވަނީ ބޮޑެތި މެޗުތަކުގައި ގިނައިން ޖަރުމަނު ބަލިކޮށްފަ އެވެ.