ޔުއެއާފާ ޔޫރޯ 2020

އިޓަލީއާ ކުރިމަތިލާއިރު ބެލްޖިއަމަށް ހާސްކަން

މިރޭ ދަންވަރު 12:00 ޖަހާއިރު އިޓަލީ އާއި ބެލްޖިއަމް ޔޫރޯ 2020 އިގެ ކުއާޓާ ފައިނަލުގައި ވާދަ ކުރާއިރު ބެލްޖިއަމް އޮތީ ހާސް ކަމެއްގެ ތެރޭގަ އެވެ.

ޔަގީނުންވެސް މިފަދަ މުހިންމު މެޗެއްގައި އިޓަލީ ކަހަލަ ވަރުގަދަ ޓީމަކާ ބައްދަލު ކުރާ އިރު ބެލްޖިއަމުން އެމީހުންގެ އެންމެ ރަނގަޅު 11 ކުޅުންތެރިން ދަނޑަށް ނެރެން ބޭނުން ވާނެ އެވެ. ނަމަވެސް ބެލްޖިއަމްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޑިބްރައިނާ އާއި އެޑެން ހަޒާޑު މި މެޗަށް ނުކުމެވޭނެ ކަމުގެ އޮތީ ފިފްޓީ ފިފުްޓީ ފުރުސަތެކެވެ.

ޑެންމާކާއި ބެލްޖިއަމް ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި އެ ދެ ކުޅުންތެރިން ނެތުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް އެޓީމުގެ ކުޅުމުނެ ފެނުނެވެ.

އޮއިވަރު އޮތްގޮތް

މިރޭގެ މެޗަކީ ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލު ކުރާނެ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލު ކޮށްފައި ވަނީ ވޯލްޑް ކަޕް 1954 އަދި ޔޫރޯ 1980، 2000، 2016 އިގަ އެވެ. މިއިން އެއް ވެސް މެޗަކުން ބެލްޖިއަމް މޮޅުވެފައެއް ނުވެ އެވެ. ތިން މެޗުން އިޓަލީ މޮޅުވި އިރު އެއް މެޗުން ވަނީ އެއްވަރު ވެފަ އެވެ. މި ހުރިހާ މެޗަކީ ވެސް ގްރޫޕް ސްޓޭޖްގައި މި ދެޓީމު ބައްދަލު ކުރި މެޗުތައް ކަމުން މިރޭގެ މެޗަކީ ކުއާޓާ ފައިނަލެއްގައި މި ދެޓީމު ބައްދަލު ކުރާނެ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ހުރިހާ މެޗަކުން މޮޅު ވެގެން މި ދެޓީމު މިހާ ހިސާބަށް ދަތުރު ކޮށްފައި ވާއިރު، މިރޭގެ މެޗަށް އިޓަލީން ނުކުންނާނީ އެމީހުން އެން،މެ ފަހުން ކުޅުނު 31 މެޗުން ބަލި ނުވެ ހަދާފައިވާ ރިކޯޑާއި އެކުގަ އެވެ. މިއީ އިޓަލީ ޖެހި ޖެހިގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަތަރު ވަނަ ފަހަރެވެ. ތިން ފަހަރު ވެސް ވަނީ ޕެނަލްޓީ އާއި ހަމައަށް ގޮސްފައި ވެއެވެ. އިޓަލި އަށް މޮޅުވެވުނީ 2012 ވަނަ އަހަރު އިންގްލެންޑާއި ބައްދަލު ކުރި މެޗުގަ އެވެ. އަދި 2008 ވަނަ އަހަރު ސްޕެއިން އަތުން ބަލިވެ 2016 ވަނަ އަހަރު ޖަރުމަނު އަތުން އެމީހުން ވަނީ ބަލިވެފަ އެވެ.

ބެލްޖިއަމް

މިރޭގެ މެޗަށް ނުކުންނަ އިރު ބެލްޖިމަށް ލިބޭނެ އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން އަނިޔާގައި ތިބުމެވެ. ނަމަވެސް މިރޭގެ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި މި ކުޅުންތެރިން ފެނުން އެކަށީގެންވެ އެވެ.

ބެލްޖިއަމްގެ ތޯގަން ހަޒާޑް ބުނީ އިޓަލީއަކީ އެމީހުން މިހާތަނަށް ބައްދަލު ކުރި އެންމެ ވަރުގަދަ ޓީމު ކަމަށެވެ. ނަމަވެސް އެއީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށާއި، 31 މެޗުން ބަލި ނުވެ އެމީހުން ހަދާފައިވާ ރިކޯޑު މުގުރާލަން މިރޭ މަސައްކަތް ކުރާނެ ކަމަށެވެ.

ކޯޗު ރޮބާޓޯ މާޓިނެޒް ބުނީ މެޗުގެ އެންމެ ފުރަތަމަ މިނެޓުން ފެށިގެން އިޓަލީން އެޓޭކް ކުރަން މަސައްކަތް ކުރާނެކަން އެނގޭ ކަމަށެވެ. އަދި އެޓީމަކީ ވަރަށް ރޭވުންތެރި ކަމާއެކު ހުރިހާ ކުޅުންތެރިންނަށް އެމީހުންގެ ދައުރު އެނގިގެން ކުޅޭ ޓީމެއް ކަމަށެވެ. އެހެން ކަމުން މިރޭގެ މެޗަށް ނުކުންނަ އިރު މިހުރިހާ ކަމަށް ފާރަވެރި ވާނެ ކަމަށެވެ. މާޓިނެޒް ބުނީ ކުޅުންތެރިން ރިކަވާ ވާން ރަނގަޅަށް ވަގުތު ލިބިފައި ވުމަކީ އޭނާއަށް ލިބެ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.

އިޓަލީ

މުބާރާތުގެ ފުރަތަމަ ތިން މެޗުން ފަސޭހަ މޮޅަކާއެކު ކުރި ހޯދި ނަމަވެސް ގަދަ 16 އިގެ މެޗުގައި އިޓަލީ އަށް މޮޅުވެވުނީ ދަތި ގޮތަކަށެވެ. އޮސްޓްރިއާއިން ދިން ވަރުގަދަ ފައިޓާއެކު މުބާރާތުގެ ސީރިއަސްކަން މިހާރު އެމީހުންނަށް ވާނީ ވަރަށް ރަނގަޅަށް ވިސްނިފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް ނުކުން އިރު އޮސްޓްރިއާ މެޗުން ލިބުނު ފިލާވަޅުތައްކަށް އެމީހުން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ އެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންސިނީ ބުނީ މިރޭ ވެސް އިޓަލީއިން ކުޅޭނީ އެމީހުންގެ އާންމު ކުޅުން ކަމަށާއި، ބެލްޖިއަމް އާއި ކުރިމަތިލާއިރު އެމީހުންގެ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ބެލްޖިއަމަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، ނަމަވެސް ހަގީގަތުގައި މުބާރާތުގެ މިހާ ހިސާބަށް އަންނަ އިރު ހުރިހާ ޓިމަކީވެސް ނުރައްކާތެރި ޓީމުތަކެއް ކަމަށެވެ.

އިޓަލީ އާއި ބެލްޖިއަމްގެ ކުރިމަތިލުންތައް

މިހާތަނަށް ބޮޑު މުބާރާތް ތަކުގައި ހަތަރު ފަހަރަށް މި ދެޓީމު ކުރިމަތި ލާފައި ވާއިރު ބެލްޖިއަމް އެންމެ މެޗަކުން ވެސް މޮޅު ނުވެ އެވެ. ތިން މެޗުން އިޓަލީ ކުރިހޯދާއި އެއް މެޗުން ވަނީ އެއްވަރު ކޮށްފަ އެވެ. ބައިނަލްއަގްވާމީ ގޮތުން މިހާތަނަށް 22 މެޗެއްގައި މި ދެޓީމު ބައްދަލު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 14 މެޗުން އިޓަލީ ވަނީ މޮޅުވެފަ އެވެ. ހަތަރު މެޗުން އެއްވަރު ވީއިރު، ބެލްޖިއަމް މޮޅުވީ ހަތަރު މެޗުންނެވެ.