ޔުއެއާފާ ޔޫރޯ 2020

ޕެނަލްޓީ މަތަ ކުރިއިރު މެޗުން މޮޅުވިކަމެއް ނޭނގޭ: ޑޮނަރޫމާ

ޔޫރޯ ފައިނަލް މެޗުން މޮޅުވި ޕެނަލްޓީ މަތަކުރި ގޮތަށް އުފާ ފާޅު ކުރަން ނުފެށީ މޮޅުވިކަން ނޭނގޭތީ ކަމަށް އިޓަލީގެ ކީޕަރު ޑޮނަރޫމާ ބުނެފި އެވެ.

ބުކަޔޯ ސާކާގެ ޕެނަލްޓީ މަތަ ކުރި އިރު، މެޗުން މޮޅުވިކަން އޭނާއަށް ނޭނގޭ ކަމަށާއި، ރޭކާލީ ޓީމުގެ އެހެން ކުޅުންތެރިން އުފާ ފާޅު ކުރަމުން އޭނާ އާއި ދިމާއަށް ދުވެފައި އައުމުން ކަމަށް ޑޮނަރޫމާ ބުންޏެވެ.

ސްކައި ސްޕޯޓް އިޓަލިއާއަށް ދިން އިންޓަވިއު އެއްގައި ޑޮނަރޫމާ ބުނީ ޖޯޖީނިއޯގެ ޕެނަލްޓީ ނާކާމިޔާބު ވުމުން އޭނާ ހީކުރީ މެޗުން ބަލިވީ ކަމަށެވެ. ނަމަވެސް އިތުރު ހިތްވަރަކާއި އެކު އޭނާގެ ހުރިހާ ސަމާލު ކަމެއް ހުރީ ޓީމު ޗެމްޕިއަން ކަމަށް ގެންދިއުން ކަމަށެވެ.

މިއަންނަ ސީޒަނުގައި ޕީއެސްޖީއާއި ގުޅޭނެ ޑޮނަރޫމާ ވަނީ ޔޫރޯ ފައިނަލުގައި އިންގްލެންޑުގެ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި 22 އަހަރުގެ ޑޮނަރޫމާ ވަނީ ޔޫރޯ 2020 ގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހާސިލު ކޮށްފަ އެވެ.

ޑޮނަރޫމާ ބުނީ އަދި ފެށުނީ ކަމަށާއި އޭނާގެ ކެރިއަރުގައި ހާސިލް ކުރަން ބޭނުންވާ ބައިވަރު ކަންތައް އަދި އެބަހުރި ކަމަށެވެ. އެހެން ކަމުން މިއީ އެކަން ކުރުމަށް ރަނގަޅު ފެށުމެއް ކަމަށެވެ.

އިޓަލީން ޔޫރޯ 2020 އިގެ ޗެމްޕިއަންކަން ނެގީ މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެގެނެވެ. އަދި ބަލި ނުވެ ޖެހިޖެހިގެން 34 މެޗު ކުޅެ އެމީހުން ވަނީ ރިކޯޑެއް ހަދާފަ އެވެ. ފައިނަލް މެޗުގައި އިންގްލެންޑު އަތުން އިޓަލީ މޮޅުވީ ފަހަތުން އަރާ ނަތީޖާ އެއްވަރުކޮށް ޕެނަލްޓީއަށް ގޮސްގެނެވެ.

އިޓަލީގެ މި ކާމިޔާބީގައި ޑޮނަރޫމާގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ހީނުކުރާ ފަދަ ނުރައްކާތެރި އެތައް ބޯޅައެއް ގޯލަށް ވަނަ ނުދީ ދިފާއު ކޮށްފަ އެވެ.