ޔޫރޯ 2024

އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފި

ޖަރުމަންގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އިނގިރޭސިވިލާތުން ކަށަވަރުކޮށްފި އެވެ.

އިނގިރޭސީން މިއުފާ ހޯދީ ވިމްބްލީގައި 1977 ވަނަ އަހަރުގެ ފަހުން އިޓަލީގެ މައްޗަށް ރޭ ހޯދި ފުރަތަމަ ކާމިޔާބަށް ފަހު އެވެ.

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި އިނގިރޭސީން ރޭ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އިޓަލީންނެވެ. ނަމަވެސް މެޗުގެ 15 މިނެޓްގައި އިޓަލީން ޖެހި ގޯލާ އިނގިރޭސީން އަރާ ހަމަކުރީ ޖޫޑް ބެލިންހަމްއަށް އިޓަލީން ފައުލް ކުރުމާ ގުޅިގެން ޖެހި ޕެނަލްޓީ އަކުންނެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ބެލިންހަމް ޕެނަލްޓީ ހޯދި ނަމަވެސް މި ޕެނަލްޓީ ގޯލަށް ވައްދާލީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. އިނގިރޭސީންނަށް މެޗުގެ ދެވަނަ ހާފްގައި ދެވަނަ ގޯލް ޖަހައި ލީޑް ނަގައިދިނީ މާކަސް ރަޝްފޯޑް އެވެ. އިޓަލީ 3-1 އިން ބަލިވި މިމެޗުގެ ތިންވަނަ ލަނޑު އިނގިރޭސީންނަށް ޖަހައިދިނީވެސް ހެރީ ކޭން އެވެ.

އިނގިރޭސީންނަށް އަދި ދެ މެޗު ބާކީ އޮއްވާ ހޯދި ކާމިޔާބާ އެކު އެ ޓީމު ޔޫރޯއަށް ކޮލިފައިވުމުގެ އިތުރުން ގުރޫޕް ސީގެ އެއްވަނަ ވެސް ވަނީ ލިބިފަ އެވެ. އިނގިރޭސީންނަށް 16 ޕޮއިންޓް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މިގުރޫޕްގައި މިވަގުތު ދެވަނައިގައި އޮތީ ހަނގުރާމައާއި ހެދި ސުންނާފަތިވަމުންދާ ޔުކްރޭން އެވެ. ގުރޫޕްގެ ސީގެ ތިންވަނައިގައި 10 ޕޮއިންޓާ އެކު އިޓަލީ އޮތް އިރު ޔުކްރޭން އޮތީ 13 ޕޮއިންޓާ އެކު ދެވަނައިގައެވެ. ނަމަވެސް ކުޅެން ހުރި މެޗުތަކަށް ބަލާއިރު ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑު އިޓަލީ އެވެ.

ގުރޫޕް ސީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޔޫރޯއަށް ކޮލިފައިވާ ދެވަނަ ޓީމު އެނގިގެންދާނީވެސް އިޓަލީއާއި ޔުކްރޭން ބައްދަލުކުރާ މެޗަށްފަހު އެވެ. އިޓަލީ އަކީ މިމުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ.

އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ މުބާރާތަށް މިހާތަނަށް ކޮލިފައިވެފައިވަނީ އިނގިރޭސިވިލާތް، ޖަރުމަން، ބެލްޖިއަމް، ފްރާންސް، ޕޯޗްގަލް، ތުރުކީ، އޮސްޓްރިއާ، ސްކޮޓްލޭންޑް، ސްޕޭން އެވެ.