އިންގެލޭންޑް

ސައުތުގޭޓް އިނގިރޭސި ޓީމުގެ ކޯޗުކަމުން ވަކިވެއްޖެ

އިނގިރޭސި ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު ކަމުގައި ހުރި ގެރެޓް ސައުތުގޭޓް އެ މަގާމުން ވަކިވެއްޖެ އެވެ.

ޖަރުމަނުގައި މި ހަފްތާގައި ނިމިގެން ދިޔަ ޔޫރޯ މުބާރާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަމުން ސައުތުގޭޓް ވަނީ މިފަހަރުގެ ތަށި އިނގިރޭސީންނަށް ނުލިބިއްޖެނަމަ އޭނާ އެ މަގާމުގައި ނުހުންނާނެ ކަމަށް ކުރިންވެސް ބުނެފަ އެވެ.

ޔޫރޯ ނިމުނުފަހުން ނޫސްވެރިން ސުވާލު ކުރަމުން އެނާ އޭރު ބުނީ މަގާމުން ވަކިވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ ވާހަކަ ދައްކައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަން ގަސްދު ކުރާ ކަމަށްވެސް އޭރު ބުންޏެވެ.

އުމުރުން 54ގެ ސައުތުގޭޓް އިނގިރޭސި ޓީމުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. ޔޫރޯ 2024ގެ ނާކާމިޔާބާ ގުޅިގެން ސައުތުގޭޓް އިސްތިއުފާ ދީފައި މިވަނީ އަށް އަހަރު ހެޑް ކޯޗު ކަމުގައި ހުރެފަ އެވެ.

ސައުތުގޭޓް ބުނީ އޭނާއަށް ހުރިހާ ވެސް އެއްޗަކީ އިނގިރޭސި ޓީމު ކަމަށެވެ. އިނގިރޭސި ކޯޗު ކަން ކުރަން ފުރުސަތު ލިބުނު ކަމަށްޓަކައި ވަރަށް އުފާ ކުރާ ކަމަށާއި އެ ޓީމާ މެދު ފަހުރުވެރިވާ ކަމަށްވެސް ބުންޏެވެ.

"އަހަރެންގެ ހުރިހާ ހަކަތައެއް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހުސްކޮށްލާފައިވަނީ އިނގިރޭސި ފުޓުބޯޅައަށްޓަކައި. އެހެންނަމަވެސް މިއީ ބަދަލެއް އަންނަން ވީ ވަގުތު. އަހަރެންގެ އެންމެ ފަހު މެޗަކީ ސްޕޭންއާ އެއްކޮށް ކުޅެވުނު ފައިނަލް މެޗު،" ބީބީސީއާ ވާހަކަ ދައްކަމުން ސައުތުގޭޓް ބުނެފައިވެ އެވެ.

ސައުތުގޭޓަށް އިނގިރޭސީންނަށް އެއްވެސް މުބާރާތެއް ކާމިޔާބުކޮށްދެވިފައި ނުވި ނަމަވެސް އޭނާ ވަނީ އެޓީމު އެއްފަހަރު ވޯލްޑް ކަޕް ސެމީ ފައިނަލް އަދި ވިދިވިދިގެން ދެ ފަހަރު ޔޫރޯ ފައިނަލާ ހަމައަށް ގެންގޮސްދީފަ އެވެ.