ކުރިއަށް އޮތް ޔޫރޯގައި ރިއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްއަށް އެކަނި ބަރޯސާވެގެން ނުތިބޭނެ ކަމަށް އިނގިރޭސި ފުޓުބޯޅަ ޓީމުގެ ކޯޗު ސައުތުގޭޓް ބުނެފި އެވެ.
މިފަހަރުގެ ޔޫރޯގައި ކުޅޭ އިނގިރޭސި ޓީމުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ރިއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންގްހަމް އެވެ. އޭނާ ވަނީ ރިއާލް އާއި އެއްކޮށް މި ސީޒަނުގެ ސްޕެނިޝް ލީގުގެ އިތުރުން ޗެންޕިއަންސް ލީގުގެ ތަށި ވެސް ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް މެޗުން އައިސްލޭންޑުގެ އަތުން އިނގިރޭސިން ވަނީ 1 – 0 ގެ ތަފާތަކުން ބަލިވެފަ އެވެ. މިއީ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މެޗެކެވެ. މިމެޗު ކުޅެފައި ވަނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލް މެޗު ކުޅުނު، ވެރިރަށް ލަންޑަނުގައި ހުންނަ ރަސްމީ ދަނޑު ވެމްލީ ގައެވެ.
މެޗަށްފަހު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން އިނގިރޭސި ކޯޗު ސައުތްގޭޓް ބުނެފައިވަނީ ބެލިންގްހަމް އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާ އޭނާގެ ހުނަރު ދައްކައިދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ބެލިންގްހަމް އަހަރެމެންނަށް ވަރަށް މުހިއްމު. މި ޔޫރޯގައި އޭނާގެ ފަރާތުން އުއްމީދުތަކެއް ކުރެވޭ. އެކަމަކު މިއީ ވަކި މީހަކަށް ބަރޯސާ ވާނެ ޓީމެއް ނޫން. ބެލިންގްހަމްގެ އިތުރުން ދެންތިބި ހުރިހާ ކުޅުންތެރިންވެސް އަހަރެންނަށް ވަރަށް މުހިއްމު. މިފަހަރު އިނގިރޭސި ޓިމު ފެނިގެންދާނީ އެކަތި ގަނޑެއްގެ ގޮތުގައި ކާމިޔާބާއި ހަމައަށް ވާސިލުވެވޭތޯ" ސައުތުގޭޓް ބުންޏެވެ.
އިނގިރޭސި ސްކޮޑުގައި އިނގިރޭސި ޕްރިމީއާ ލީގުގައި ކުޅެމުންދާ ބައެއް ތަރިން ނުހިމެނޭތީ މީޑިއާގެ ފާޑުކިޔުން ވަރަށް ބޮޑަށް ސައުތުގޭޓަށް އަމާޒުވެފައިވެ އެވެ. އެގޮތުން މެންޗެސްޓަ ޔުނައިޓެޑުގެ ހެރީ މެގުއާ، ރަޝްފޯޑް އަދި ސީޓީގެ ގްރިލިޝް ފަދަ ކުޅުންތެރިން މިއަހަރުގެ ޔޫރޯގައި ކުޅޭ ޓީމުގައި ހިމަނާފައެއް ނުވެ އެވެ.
އިނގިރޭސި މީޑިއާގެ ސަމާލުކަން މި ޔޫރޯގައި އަމާޒުވާނެ އެއް ކުޅުންތެރިއަކީ އުމުރުން 20 އަހަރުގެ ތަރި ބެލިންގްހަމް އެވެ. ލަލީގާ އާއި ޗެންޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާތީ ޔޫރޯގައި ވެސް އޭނާގެ ޖާދޫވީ މޮޅު ކުޅުން ފެނިގެންދާނެ ކަމަށް އިނގިރޭސި ޓީމަށް ސަޕޯޓުކުރާ ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.