ޔޫރޯ 2024

ބެލިންގްހަމްގެ ގޯލާ އެކު އިނގިރޭސީންނަށް މޮޅެއް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ މުބާރާތުގައި ރޭ ގުރޫޕް ސީގެ ދެވަނަ މެޗުގައި ވާދަކުރި އިންގްލެންޑް އާއި ސާބިއާގެ މެޗުން އިންގްލޭންޑް މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އިންގްލެންޑްގެ ސާކާ ނަގައިދިން ހުރަހަކުން ބެލިންގްހަމް ބޮލުން ޖަހައިގެން ވައްދާލި ގޯލުން މެޗުގެ ފުރަތަމަ ލީޑް ނެގީ އިނގިރޭސީންނެވެ. އަދި މިއީ މިމެޗުގައި ޖެހި ހަމައެކަނި ގޯލެވެ.

އިނގިރޭސި ޓީމު މޮޅުވި ނަމަވެސް ގިނަ ބަޔަކު އުއްމީދު ކުރި ވަރު ކުޅުމެއް މި މެޗުގައި އެޓީމުގެ ފަރާތުން ފެނިފައެއް ނުވެ އެވެ. ސާބިއާ އިން ވަނީ އިނގިރޭސި ޑިފެންސަށް ވަރަށް ބޮޑަށް ބާރުބޮޑުވެސް ކޮށްފަ އެވެ.

އިނގިރޭސި ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ފަރާތުންވެސް ތަފާތު ކުޅުމެއް ނުފެނެ އެވެ. ކޭން އަކީ އިނގިރޭސި ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި އެވެ.

ދެވަނަ ހާފުގައި ސާބިއާގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނު ފަދަ ރަނގަޅު ކުޅުމެއް ފެނުނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި ޓީމުން ވަނީ މެޗުގެ ފަހު ހާފުގައި ޕްރެޝަރަށް ވެއްޓި ވަރަށް ބޮޑަށް ފަހަތަށް ޖެހިފަ އެވެ. ކޯޗު ސައުތުގޭޓް ރާވާފައި އޮތް އެޓޭކިން ގޭމް ކުޅެވޭ ގޮތެއްވެސް ނުވި އެވެ.

ދެވަނަ ހާފުގައި ފުލުފުލުގައި ސާބިއާ އިން އިނގިރޭސި ޓީމުގެ ގޯލަށް ހަމަލާތައް އަމާޒުކުރަމުން ދިޔަ އެވެ. އެހެންނަމަވެސް ނަސީބު އޮތީ އެޓީމާއެކުގައި ކަމަށް ނުވާތީ ގޯލެއް ނުޖެހުނީ އެވެ.

މެޗުގައި އިނގިރޭސިން ދެއްކި ދަށް ކުޅުމާއި އެކު އެ ގައުމުގެ މީޑިއާގެ ފާޑުކިޔުންތައް ކޯޗް ސައުތުގޭޓަށް އަމާޒުވެފައި ވެއެވެ. މެޗުން މޮޅުވި ނަމަވެސް އިނގިރޭސި ސަޕޯޓަރުންވެސް ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ.

އިނގިރޭސީންނަށް ކޮންމެ ފަހަރަކު "އިޓްސް ކަމިން ހޯމް" އޭ ކިޔުން ނޫން ވަރެއް ނުވެ އެވެ. އެންމެ ފަހުގެ ޔޫރޯގައިވެސް ފައިނަލްގައި އިޓަލީ އަތުން ހިތްދަތި ގޮތަކަށް ބަލިވެފައިވާ އިންގްލެންޑް ޓީމަށް މިފަހަރަކީ ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ކުޅެވޭނެ ފަހު މުބާރާތެވެ.