ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީއަށް ސްޕޭން ކައިރިން ހިންދެމިލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ރޭގެ ފަހު މެޗުގައި އިޓަލީ އަދި ސްޕެއިން ވާދަކުރި މެޗު 0-1ގެ ނަތީޖާ އަކުން ސްޕެއިން އިން ކާމިޔާބުކޮށްފަ އެވެ.
ސްޕެއިންއަކީ މިއަހަރުގެ ޔޫރޯގައި މިހާތަނަށް ގަދަ 16ގެ ޖާގަ ޔަގީންކުރި ދެވަނަ ގައުމެވެ. އެންމެ ފުރަތަމަ ގަދަ 16ގެ ޖާގަ ޔަގީން ކުރީ މުބާރާތް ކުރިއަށްދާ ގައުމު، ޖަރުމަނުންނެވެ.
ސްޕޭން އިން ފުލުފުލުގައި ހަމަލާތައް ދެމުން އިޓަލީ ހާސްކުރަމުން ދިޔަ އެވެ. އިޓަލީއަށް ސްޕޭން ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ނޫފެއްފުނެވެ. އިޓަލީ ވަނީ ގަދަފަދަ ސްޕޭންގެ ޓީމު ހުއްޓުވަން ނުކުޅެދިފަ އެވެ.
މިމެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީވެސް ސްޕޭން އިން ނެވެ. އެޓީމުން ވަނީ މެޗުގެ 62 އިންސައްތައިގައި ބޯޅަ ކޮންޓްރޯލް ކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައިވެސް ސްޕެއިނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޖެހި މި ގޯލަކީ ސްޕެއިންގެ ނިކޯ ވިލިއަމްސް އިޓަލީގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އިޓަލީގެ ރިކާޑޯ ކަލަފިއޯރީ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
ސްޕެއިނުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިފަހުންވެސް އެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. ރޭވުންތެރިކަމާއި އެކު ކުޅެމުންދިޔަ ސްޕެއިން އިން ވަނީ މެޗުގެ 70 ވަނަ މިނެޓުގައިވެސް ނުރައްކާތެރި ހަމަލާއެއް އުފައްދާފަ އެވެ. އިޓަލީގެ ޕެނަލްޓީ އޭރިއާގެ ކަނުން ސްޕެއިންގެ ނިކޯ ވިލިއަމްސް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.
މި މެޗުގައި އިޓަލީ ޓީމުގެ ކީޕަރު ޑޮނަރުންމާގެ ފަރާތުން އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ސްޕޭން އިން ފޮނުވާލި ހުރިހާ ހަމަލާއެއް ކަހަލަ ގޮތަކަށް އޭނާ ވަނީ ސަލާމަތް ކޮށްދީފަ އެވެ. އޭނާ ވަނީ މުހިންމު ނުވަ ސޭވް ކޮށްދީފަ އެވެ. ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާގެ ސޭވްތަކުން ސްޕެއިން އިތުރު ގޯލެއް ޖެހިޔަ ނުދީ ހުއްޓުވި އެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް ރޭ ސްޕޭންގެ ޓީމު ކުޅުނުވަރާ ގާތަށްވެސް ނުކުޅެވެ އެވެ. ސްޕޭން އިން ވަނީ އިޓަލީގެ ހުރިހާ އެޓޭކެއްހެން ހުއްޓުވާފަ އެވެ.
ސްޕޭން ޓީމުގެ އަރިމަތިން ކުރިއަށް ކުޅޭ ޔަމާލް އަދި ނިކޯ ވިލިއަމްސްގެ މޮޅު ކުޅުމެއް މެޗުގައި ފެނިގެން ދިޔަ އެވެ. އެކުޅުންތެރިން ވަނީ ވަރުގަދަ އިޓަލީގެ ޑިފެންސް ފޫއަޅުވާލައި އޭރިއާގެ ތެރެއަށް ވަދެގަނެ ރަނގަޅު ފުރުސަތު ތަކެއް އުފައްދާފަ އެވެ. އެހެންނަމަވެސް އެފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެ އެވެ.
މަރުގެ ގުރޫޕުގެ ގޮތުގައި ބެލެވިފައިވާ ގުރޫޕް ބީ ގެ ފަހު މެޗުތައް އޮތީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. އެރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސްޕެއިން އާއި އަލްބޭނިއާ ބައްދަލުކުރާއިރު، އިޓަލީ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.