ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭގެ ފަހު މެޗުގައި ގްރޫޕުގެ އެއްވަނަ ހޯދުމަށް ސްޕޭން އަދި އިޓަލީ ގަދަހިފުމަކަށް ދާނެ އެވެ.
އިޓަލީއަށް ގްރޫޕުގެ އެއްވަނަ ހޯދެން އޮތީ ސްޕޭން ބަލިކޮށްގެންނެވެ.
މިވަގުތު ގްރޫޕް ސްޓޭޖުގެ އެއްވަނައިގައި އޮތް ސްޕޭން ޓީމަށް އެއްވަރު ކޮށްލައިގެންވެސް ހިންދެމިލައި އެއްވަނައިގައި ދެމި އޮވެވޭނެ އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގުރޫޕުގައި ހިމެނޭ ޔޫރަޕްގެ ވަރުގަދަ ދެ ބާރު ކަމަށްވާ ސްޕެއިން އަދި އިޓަލީ މިރޭ ވާދަކުރާއިރު، އިޓަލީ އަކީ އެންމެ ފަހުގެ ޗެމްޕިއަން އެވެ.
މިރޭގެ މެޗާ ކުރި މަތިލާއިރު މިއީ މި ދެ ޓީމު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުރިމަތިލާ 11 ވަނަ ފަހަރެވެ.
މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަށް ފަހަރެއްގެ މަތިން މި ދެ ޓީމު ވާދަކޮށްފައިވާއިރު ފީފާ ވޯލްޑް ކަޕުގައި މި ދެ ޓީމު ތިން ފަހަރެއްގެ މަތިން ވަނީ ކުރިމަތި ލާފަ އެވެ.
ޔޫރޯ އަދި ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެ ޓީމު ވާދަކޮށްފައިވާ 10 ފަހަރު ސްޕެއިން އަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައިވަނީ އެންމެ ފަހަރަކު އެވެ. ފަސް ފަހަރެއްގެ މަތިން މި ދެ ޓީމު އެއްވަރު ވެފައިވާއިރު، ހަތަރު ފަހަރެއްގެ މަތިން އިޓަލީ ވަނީ ސްޕެއިންގެ މައްޗަށް ކުރި ހޯދާފަ އެވެ.
ސްޕޭން އަކީ ތިން ފަހަރެއްގެ މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި އެއް ގައުމެވެ. އިޓަލީ އަށް ޔޫރޯ ނެގިފައިވަނީ ދެފަހަރު އެވެ.
މިދެ ޓީމު އެންމެ ފަހުން ކުޅެފައިވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ގައެވެ. އެފަހަރު ސްޕޭން އިން ވަނީ އިޓަލީ ޓީމު ބަލިކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ކުޅުނު ޔޫރޯގައި ސްޕޭން އިން ވަނީ 4-0ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް އެޓީމު ލަދުގަންނުވާލާފަ އެވެ. އެހެންނަމަވެސް އިޓަލީ އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ބަލިވެފައިވަނީ 2016 ވަނަ އަހަރު އަޔަލެންޑް އަތުންނެވެ.