ޔޫރޯ 2024

ޔޫރޯ 2024: ގްރޫޕް އޭގެ ފަހު މެޗުތައް މިރޭ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕު އޭގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ. އެގޮތުން މިރޭ ކުޅޭ ދެ މެޗުވެސް ފަށާނީ އެއް ވަގުތެއްގައެވެ.

ޖަރުމަނު އަދި ސްވިޒަލޭންޑް ބައްދަލުކުރާ މެޗާއި، ސްކޮޓްލޭންޑް އަދި ހަންގޭރީ ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.

ޖަރުމަނު ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ސްވިޒަލޭންޑް ވަނީ ކުޅުނު އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗުން އެއްވަރުވެފަ އެވެ. އެހެންކަމުން ގުރޫޕުގެ އެއްވަނައިގައި ޖަރުމަނު އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ސްވިޒަލޭންޑް ހަތަރު ޕޮއިންޓާ އެކު އޮތް އިރު ސްކޮޓްލޭންޑަށް ލިބުނު އެއް ޕޮއިންޓާ އެކީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ހަންގޭރީ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފަ އެވެ.

ޖަރުމަން ވަނީ މުބާރާތުގެ ގަދަ 16 އަށްވެސް ދަތުރުކޮށްފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ސްވިޒަލޭންޑަށްވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަދި ސްކޮޓްލޭންޑާއި ހަންގޭރީއަށްވެސް މޮޅުވެގެން ކުރިއަށް ދިއުމަށް ފުރުސަތު އޮތް ނަމަވެސް އެ ދެ ޓީމުގެ އަމިއްލަ ބާރު އޮތީ ކެނޑިފަ އެވެ. އެ ދެ ޓީމަށް ކުރިއަށް ދެވިދާނެތޯ ނިންމޭނީ ޖަރުމަނާއި ސްވިޒަލޭންޑް މެޗުގެ ނަތީޖާއަށްވާ ގޮތަކުންނެވެ.