ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އޭގައި ހިމެނޭ ސްކޮޓްލެންޑާއި ހަންގޭރީ ރޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ ހަނި ފުރުސަތެއް ހަންގޭރީން ހޯދައިފި އެވެ.
ހަންގޭރި މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގައި އެ ޓީމުގެ ކެވިން ސޮބޯތު އެވެ.
މި ނަތީޖާއާ އެކު ގްރޫޕްގެ ތިންވަނަ ހަންގޭރީއަށް ލިބޭއިރު އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން ހަނި ފުރުސަތެއް ލިބުމުގެ އުއްމީދު އެބައޮތެވެ. އެކަމަކު އެ ޖާގަ ލިބޭކަން ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗްތަކެއް ނިމުމުންނެވެ.
ހުރިހާ ގްރޫޕެއްގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
ގުރޫޕް އޭގައި ހިމެނޭ ޖަރުމަނާއި ސްވިޒަލޭންޑް ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެެގެންނެވެ. ޖަރުމަނުގެ ނިކްލަސް ފުލްކްރޫގް ޖެހި ގޯލުން 1-1 އިން މެޗު އެއްވަރުކޮށް ޖަރުމަން ވަނީ މި މިބާރާތުގައި އަދި އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ ހިފަހައްޓަމުން އައި ރެކޯޑް ދަމަހައްޓާފަ އެވެ.
ގްރޫޕް އޭގެ ހުރިހާ މެޗެއް ރޭ ކުޅެ ނިމުނުއިރު ހަތްޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ލިބިފައިވަނީ ޖަރުމަނަށެވެ. އަދި އެ ޓީމު ވަނީ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. ދެވަނަ ހޯދި ސްވިޒަލެންޑަށް ފަސް ޕޮއިންޓް ލިބުނުއިރު ފަހު ވަގުތު ތިންވަނައަށް އެރި ހަންގޭރީ އަށް ތިން ޕޮއިންޓް ލިބުނެވެ. ސްކޮޓްލެންޑް މުބާރާތުން ކެޓީ އެންމެ ޕޮއިންޓަކާ އެކު އެވެ.