ޔޫރޯ 2024

ސްވިޒަލޭންޑާއި ސްކޮޓްލޭންޑްގެ މެޗު ނިމުނީ އެއްވަރުވެގެން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް އަދި ސްވިޒަލޭންޑް ވާދަކުރި މެޗު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު ރޭ އެއްވަރުވެއްޖެ އެވެ.

ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން ސްވިޒަލޭންޑް އޮތީ ހަތަރު ޕޮއިންޓާއެކުގައި ގްރޫޕްގެ ދެވަނައިގައެވެ. ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކުގައި ތިން ވަނައިގައެވެ. ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކުގައި ގްރޫޕްގެ އެއްވަނައިގައި ޖަރުމަނު އޮތް އިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ހަންގޭރީ އެވެ.

މިހާރުގެ ނަތީއަށް ބަލާއިރު ހަންގޭރީ ކެޓުމުގެ ފުރުސަތު ބޮޑެވެ. މިރޭގެ ނަތީޖާއާ އެކުގައި ޖަރުމަނު ދެވަނަ ބުރަށް ކޮލިފައިވިއިރު، ސްވިޒަލެންޑާއި ސްކޮޓްލެންޑަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދާފައިވަނީ ސްކޮޓްލޭންޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލޭންޑުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފޯރިގަދަ މި މެޗުގެ ފަހު ވަގުތާ ޖެހެންދެން ދެ ޓީމުންވެސް ގޯލެއް ކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައިވެ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ސްކޮޓްލޭންޑް އިން ކާމިޔާބުކުރި ގޯލަކީ އެ ޓީމުގެ މެކް ޓޮމިނޭ ގޯލަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްވިޒަލޭންޑްގެ ފަބިއަން ޝާރްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ސްކޮޓްލެންޑަށް ގޯލެއް ލިބުނުތާ 13 މިނެޓް ފަހުން މެޗުގެ 26 ވަނަ މިނެޓްގައި ސްވިޒަލޭންޑަށް ގޯލް ޖަހައިދިނީ ޒެރްޑެން ޝަގީރީ އެވެ. އޭނާ މި ގޯލް ޖެހީ ސްކޮޓްލޭންޑްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ، ސްކޮޓްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ބޭރުން އެއްފަހަރުން ފޮނުވާލި ބާރު ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެންނެވެ.

މިގްރޫޕްގެ ދެން އޮންނަ މެޗުތަކުގައި ވާދަކުރާނީ ޖަރުމަނާއި ސްވިޒަލޭންޑް އެވެ. އަދި ސްކޮޓްލޭންޑާއި ހަންގޭރީ އެވެ. މި މެޗުތަކަށް ފަހުގައި ގަދަ 16 އަށް މި ގުރޫޕުން ދަތުރު ކުރާ ޓީމުތައް ކަށަވަރު ވާނެ އެވެ.