ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އިތުރު ވަގުތުގައި ޖަރުމަނުގެ ނިކްލަސް ފުލްކްރޫގް ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، ސްވިޒަލެންޑް އަތުން ބަލިނުވެ ޖަރުމަނު ސަލާމަތްވެއްޖެ އެވެ.
މިއީ މި މުބާރާތުގައި އަދި އެއްވެސް މެޗަކުން ބަލި ނުވެ ޖަރުމަން ހިފަހައްޓަމުން އަންނަ ރިކޯޑަށް އިތުރުވި ބޮޅެކެވެ.
ޔޫރޯ މުބާރާތުގެ ކުރިން ޖަރުމަނާ ދެކޮޅަށް ސްވިޒަލެންޑުން އެންމެ ފަހުން ކުޅުނު ހަތަރު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު ރޭގެ މެޗަކީ ސްވިޒަލޭންޑްގެ އެ ކާމިޔާބަށް ހުއްޓުމެއް ގެނުވި މެޗެކެވެ.
ރޭގެ މެޗުގެ ނަތީޖާއާ އެކު ގްރޫޕް އޭގެ އެއްވަނަ ޖަރުމަނުން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ފަސް ޕޮއިންޓް ލިބިފައިވެ އެވެ. މި ނަތީޖާއާ އެކު ސްވިޒަލޭންޑާއި ޖަރުމަނަށް ގަދަ 16 އިން ޖާގައެއް ލިބޭނެ އެވެ.
ހަންގޭރީން ވަނީ 1-0 އިން ސްކޮޓްލެންޑް ބަލިކޮށް ގްރޫޕްގެ ތިންވަނަ ހޯދާފަ އެވެ. ގްރޫޕްގެ ފުލުގައި ނިންމާލީ އެއް ޕޮއިންޓާ އެކު ސްކޮޓްލެންޑް އެވެ. އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދިއުމުގެ ހަނި ފުރުސަތެއް ހަންގޭރީ އަށްވެސް އެބައޮތެވެ.