ޔޫރޯ 2024

ޗެމްޕިއަން އިޓަލީ ބަލިކޮށް ސްވިޒަލޭންޑް ކުއާޓަ ފައިނަލަށް ދަތުރުކޮށްފި

ޔޫރޯ މުބާރާތުގެ ނޮކް އައުޓް ބުރުގެ ފުރަތަމަ ބުރުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ، ސްވިޒަލޭންޑް އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

މި މެޗު ސްވިޑަލޭންޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

އިޓަލީގެ ފަރާތުން މިމެޗުގައި ރަނގަޅު ކުޅުމެއްވެސް ދެއްކިފައެއް ނުވެ އެވެ. ވަކިން ހާއްސަކޮށް އެޓީމުގެ ޑިފެންސް ފެނުނީ ވަރަށް ދެރަވަރު ކޮށެވެ. މެދުތެރެ މުޅިންހެން ހިފަހައްޓަމުން ދިޔައީ ސްވިޒްލޭންޑުންނެވެ.

މުޅި މި މެޗު ފެނިގެން ދިޔައީ ލަސް، ބަލަންވެސް ފޫހި މެޗެއްގެ ގޮތުގައެވެ. އިޓަލީ ކޯޗު ސްޕަލޭޓީގެ ރޭވުންތެރިކަމާއި އޭނާގެ ފުރަތަމަ އެގާރަ އާއި މެދުގައިވެސް ސުވާލު އުފެދެ އެވެ. ނަތީޖާ ނެރުން މަޖުބޫރު މިމެޗުގަައި ޖޯޖީނިއޯ ފަދަ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ކުޅުންތެރިން ދަނޑުމަތިން ނުފެނުނެވެ.

ފާއިތުވި 40 އަކަށް އަހަރުގެ ތެރޭގައިވެސް މި މެޗަކީ އިޓަލީ ޓީމު އެންމެ ދަށްކުޅުމެއް ކުޅުނު މެޗެވެ. މޮޅުވާން ބޭނުންވެގެން ކުޅުނު ތަނެއްވެސް އިޓަލީ ޓީމަކުން ނުފެނުނެވެ.

މިރޭގެ މެޗުން މޮޅުވުމަކީ ސްވިޒަލޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ޔޫރޯގެ އެންމެ ފަހުގެ މުބާރާތުގައިވެސް ސްވިޒަލޭންޑް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ފަހަރު އެޓީމު ކުއާޓާއަށް ދިޔައީ ފްރާންސް ކަޓުވާލާފަ އެވެ. މިފަހަރު ކުއާޓާއަށް މިދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެތައް ބަޔަކު ސަޕޯޓުރަމުންދާ އިޓަލީ ބަލިކުރުމަށްފަހު އެވެ.

ފުރަތަަމަ ހާފުގައި ސްވިޒަލޭންޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ރުބެން ވާގަސް އިޓަލީގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ރެމޯ ފްރޫލާ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގޮތަށް ސްވިޒަލޭންޑުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ރުބެން ވާގަސް އެވެ.