ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕޭން އަތުން ޖަރުމަން ރޭ ބަލިވެ މުބާރާތުން ކަޓައިފި އެވެ.
އަމިއްލަ ގައުމުގައި ޖަރުމަނު ބަލިކޮށް ސްޕޭން ވަނީ ސެމީ ފައިނަލްގެ ފުރަތަަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.
މި މެޗުގައި ޖަރުމަނުގެ މައްޗަށް ސްޕޭން ކާމިޔާބު ހޯދީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ 15 މިނެޓް ސްޕެއިން އިން ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅެމުން އައި ނަމަވެސް ޖަރުމަނުން ވަނީ ފަހުން ގޭމުގެ ތެރެއަށް ވަދެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ކުރީކޮޅު ކްރޫޒް އާއި މުޑި އަރައިގެން ލިބުނު އަނިޔާއަކާ ގުޅިގެން ސްޕޭންގެ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރާ ޕެޑްރީ ބާލާފައިވެ އެވެ. މީގެސަބަބުން ސްޕޭންގެ ކުޅުމަށް ބޮޑު އަސަރެއް ކުރި އެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 10، ޑެނީ އޮލްމޯ އެވެ.
ފުރަތަަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމަކަށްފަހު 0-0ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިޔައީ ސްޕޭން ވަރުގަދަކޮށް ކުޅެ ޖަރުމަނު ހާސް ބޮޑު ކުރަމުންނެވެ. ސްޕޭންގެ ކުރިއަށް ކުޅެމުން އަންނަ ޔަމާލް އަދި ނިކޯ ވިލިއަމްސްގެ ހުނަރު ފެނިގެން ދިޔަ އެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ ލަމީން ޔަމާލް ނަގަައިދިން ރީތި ހުރަހަކުން އޮލްމޯ ޖަރުމަނުގެ ގޯލު ފޫއަޅުވާލައި 1-0ގެ ލީޑެއް ނެގުމެވެ. އެގޯލަަށްފަހު ސްޕޭން ޓީމު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސް ކުރަމުން ގެންދިޔަ އެވެ.
އޭގެފަހުން ޖަރުމަނުން ސްޕޭނަށް ވުރެ މާރަނގަޅަށް ކުޅެމުން ދިޔަ އެވެ.
ޖަރުމަނަށް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި އެހެންނަމަވެސް ނިންމާ ނުލެވި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްކޮށްފައި ވަނިކޮށް ޖަރުމަނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު ކާމިޔާބު ކުރީ ފްލޮރިއަން ވާޓްޒެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން މަޖުބޫރު މެޗެއް ކަމުން އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ.
އިތުރު ވަގުތުގެ ފުރަތަަމަ ހާފުގައި ވަރުގަދަކޮށް ފެނުނީ ސްޕޭން އެވެ. އެހެންނަމަވެސް ގޯލެއް ނުޖެހި އެ ހާފު ނިމުނީ އެއްވަރުފައި އޮވެ އެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު މިނެޓުގައި ސްޕޭން އިން ވަނީ ގޯލެއް ޖަހާފަ އެވެ. މި ލަނޑު ކާމިޔާބު ކުރީ އޮލްމޯ ނެގި ހުރަހަކުން ބަދަލު ކުޅުނަތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެރީނޯ އެވެ. އޭނާ އެގޯލު ޖަހާފައިވަނީ ބޮލުންނެވެ.
ފަހުގަޑީ ޖަރުމަނުގެ މޫސިއާލާއަށް ކުރި ފައުލަކާއި ގުޅިގެން ސްޕޭންގެ ޑިފެންޑަރު ކާވަހާލް އަށް ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާވެސް ލިއެވެ. އެހެންވެ ކުރިއަށް އޮތް މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ.
ސެމީ ފައިނަލުގައި ސްޕެއިން ބައްދަލު ކުރާނީ މިރޭ ޕޯޗުގަލް އަދި ފްރާންސް ބައްދަލު ކުރާ މެޗު ކާމިޔާބު ކުރާ ޓީމަކާ އެވެ.