ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ތުރުކީގެ މައްޗަށް ނެދަލޭންޑްސް ކުރި ހޯދައި އެޓީމުން ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.
ރޭގެ މެޗު ނިމުނީ 2-1ގެ ސްކޯ އަކުން ނެދަލޭންޑްސް ތުރުކީ ބަލިކޮށްގެންނެވެ.
މިއީ 1988 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދި ނެދަލެންޑްސް 20 އަހަރު ތެރޭގައި ޔޫރޯގެ ސެމީގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ނެދަލޭންޑްސް އިން ހޯދި ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
ޔޫރަޕުގެ ފުޓްބޯޅައިގައި އަބަދުވެސް ގަދަ ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ނެދަލޭންޑްސްއަށް ދޫނުކޮށް ތުރުކީ އިން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅެ އެތައް ފަހަރެއްގެ މަތިން ނެދަލޭންޑްސް ޓީމުގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލައި ހަމަލާތައް އުފައްދާފަ އެވެ.
ތުރުކީ އިން މެޗުގައި ދެއްކި ހިތްވަރަށް ގިނަ ބަހެއްގެ ލޯތްބާއި ތައުރީފު ލިބުނެވެ. މެޗުން ބަލިވެ މުބާރާތުން ކެޓިޔަސް ތުރުކީއަށް ގިނަ ބައެއްގެ ހިތްވެސް ދެވުނީ އެހެންވެ ކަމަށް ބެލެވެ އެވެ.
ނެދަލޭންޑްސް މިފަހަރު ސެމީގައި ކުޅެން ޖެހޭނީ ގަދަފަދަ އިނގިރޭސިންނާ އެވެ. އެންމެ އަގުބޮޑު ސްކޮޑެއް އޮތް އިނގިރޭސީންނަކީ މިމުބާރާތުގެ ފޭވަރިޓެކެވެ. އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި އިޓަލީ އަތުން ބަލިވި ނަމަވެސް މިފަހަރު އެޓީމުން ބޭނުންވަނީ ތަށި ނަގާށެވެ.
ޖަރުމަނުގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ރޭ ކުރިއަށް ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ތުރުކީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މިގޯލު ކާމިޔާބު ކުރީ މެޗުގެ 35 ވަނަ މިނެޓުގައި އަރުދާ ގޫލާ ނެދަލޭންޑްސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން އެޓީމުގެ ފޯވާޑް ސަމެޓް އަކޭދިން އެވެ.
އެގޯލަަށް ފަހު އިތުރު ގޯލެއް ނުފެނި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ތުރުކީ ކުރީގައި އޮވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ނެދަލޭންޑްސް ޓީމުން ކުރި އެޓޭކެއްގައި އެޓީމުން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށް، މި ހާފުގައި މޮޅަށް ކުޅުނު ނެދަލެންޑްސް ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ޑިޕާއި ނެގި ހުރަހެއް ބޮލުން ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ ޑިފެންޑަރު ސްޓެފާން ޑިވްރޭ އެވެ. އަދި ނެދަލޭންޑްސް ޓީމު މޮޅުވެފައިވަނީ ޑަމްފްރޭސް ނެގި ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ތުރުކީގެ ޑިފެންޑަރު މާޓް މުލްޑާ ފައިގައި ޖެހިގެން ބައިކޮޅަށް ވަން ގޯލުންނެވެ.
އޭގެ ފަހުން ތުރުކީ އަނބުރާ ގޭމުގެ ތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް ނަގައި ފުލުފުލުގައި ހަމަލާތައް ދެމުން ގެންދިޔަ އެވެ. ގޯލު ޖަހާނެ ހުސް ފުރުސަތުތައް ލިބުނެވެ. އެހެންނަމަވެސް ނަސީބު ދެރަކަމުން އެންމެ އެއްޗެއް ވެސް ގޯލަށް ވަންނަ ގޮތް ނުވެ މެޗު ނިމުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ސްކޯ އަކީ 2-1 ގެ އަކުން ނެދަލޭންޑްސް މޮޅުވެފަ އޮތުމެވެ.