ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އެފްގެ ފަހު މެޗުތައް ރޭ ކުޅެ ޔޫރޯ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތަކުގެ ކުޅުން ނިންމާލައިފި އެވެ.
ރޭގެ މެޗުތަކަށްފަހު ގަދަ 16 އަށް ދާނެ ޓީމުތައް މިހާރު ވަނީ ޔަގީންވެފަ އެވެ.
ޔޫރޯ ފަދަ ބޮޑު މުބާރާތެއްގައި އަލަށް ކުޅޭ ޖޯޖިޔާ އަތުން ލަދުވެތި ގޮތަކަށް ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޕޯޗްގަލް ވަނީ ބަލިވެފަ އެވެ. ޖޯޖިޔާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމަކަށްފަހު ތުރުކީ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު ކާމިޔާބުކުރީ ތުރުކީ އެވެ. އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ފަހުގަޑީ ތުރުކީ އިން ޖެހި ގޯލާއި އެކު އެޓީމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ތުރުކީ ޔޫރޯގެ ނޮކައުޓް ބުރަށް ދަތުރުކޮށްފައި މިވަނީ 16 އަހަރަށް ފަހު އެވެ. މިނަތީޖާއާއެކު އެއްވެސް މެޗަކުން މޮޅުނުވެ ޗެކް ރިޕަބްލިކް ވަނީ ގްރޫޕުގެ ފުލަށް ވެއްޓި މުބާރާތުން ކަޓާފަ އެވެ.
ޖޯޖިއާ އަތުން 2-0 އިން ބަލިވި ޕޯޗުގަލް ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ. ދެވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި ތުރުކީ އެވެ. ތިންވަނައަށް ދިޔަ ޖޯޖިއާ ވެސް ހަތަރު ޕޮއިންޓް ހޯދައިގެން ގަދަ 16 އަށް ގޮސްފަ އެވެ. ފުލުގައި އޮތް ޗެކް ރިޕަބްލިކަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ.
ތުރުކީން ގަދަ 16 ބުރުގައި، ވާދަކުރަން ޖެހޭނީ މިމުބާރާތުގައި ތަފާތު ދައްކަމުން އަންނަ އޮސްޓްރިއާއާ އެވެ.
ޕޯޗުގަލް އަށްވުރެ މިމެޗުގައި ގިނަ އެޓޭކްތައްކޮށް ރަނގަޅަށް ކުޅެފައިވަނީ ޖޯޖިޔާ އެވެ. އަދި ވަކިން ހާއްސަކޮށް އެޓީމުގެ ގޯލް ކީޕަރުގެ ކުޅުން ފާހަގަކުރަން ޖެހެ އެވެ.
ޕޯޗުގަލް މެޗު ފަސޭހަ ކޮށްލައި ކުރީ މެޗުތަކާއި ހިލާފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. ޕޯޗުގަލްއަށް ވުރެ މިމެޗު މުހިއްމުކަން ބޮޑުވީ ޖޯޖިޔާއަށް ކަމަށްވުމުން އެޓީމުން ވަނީ ވަރަށް ހިތްވަރު ކޮށްފަ އެވެ.
ޖޯޖިޔާ އިން ހޯދި ތާރީހީ މޮޅާއި އެކު ފުރަތަަމަ ފަހަރަށް ކުޅޭ ޔޫރޯ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށް މުޅި ޔޫރަޕް ސިއްސުވާލައިފި އެވެ. އެޓީމުގެ މޮޅާއި އެކު މުޅި ޖޯޖިޔާ އަށް ވަނީ ކުޅިވަރުގެ އީދެއް އައިސްފަ އެވެ. އެގައުމުގެ މަގުތަކުގައި ސަޕޯޓަރުން އަންނަނީ އުފާފާޅުކުރަމުންނެވެ.