ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން 2008 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ތުރުކީ އިން ޖާގައެއް ހޯދައިފި އެވެ.
މީގެކުރިން 2008 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ފަހުން ތުރުކީއަށް މި މުބާރާތުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެ ފަހަރު ސެމީ ފައިނަލްގައި ތުރުކީ ބަލިވީ ޖަރުމަނުގެ އަތުންނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ގަދަ 16ގެ ފަހު މެޗު 2-1 ގެ ނަތީޖާއަކުން ތުރުކީ ކާމިޔާބު ކުރީ އޮސްޓްރިއާ ބަލިކޮށްފަ އެވެ.
ތުރުކީން މި ފަހަރު މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރު ނެދަލެންޑްސްއާ އެވެ.
ރޭގެ މެޗު ފެށިގެން 58 ވަނަ ސިކުންތުގައި ތުރުކީ އިން ގޯލު ޖަހައި އޮސްޓްރިއާ ސިއްސުވާލި އެވެ. އެގޯލު ޖަހާފައި ވަނީ ތުރުކީގެ ސެންޓާ ބެކަށް ކުޅޭ ދެމިރަލް އެވެ. ފުރަތަަމަ ހާފުގެ ކުޅުން ނިމުނީ 1-0 ގެ ލީޑެއްގައި ތުރުކީ އޮވެ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 59 ވަނަ މިނެޓުގައި ތުރުކީގެ ޒުވާން ކުޅުންތެރިޔާ ގުލާ ނަގައިދިން ކޯނަރަކުން ބޮލުން ޖަހައިގެން ތުރުކީއަށް ދެވަނަ ގޯލްވެސް ޖަހައިދިނީ ދެމިރަލް އެވެ.
އޮސްޓްރިއާ އިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަ ކުރި އެވެ. އަދި އެޓީމުން ގޯލެއް ޖަހަން ކުރި މަސައްކަތުން 66 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އޮސްޓްރިއާ އިން ވަނީ ގޯލެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ.
މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގްރެގޮރިޗެވެ.
މިމެޗު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތުރުކީ ސަޕޯޓަރުން ދަނޑު ތެރެއަށް އުކި އެއްޗަކުން ޖެހި އޮސްޓްރިއާގެ މެދުތެރޭގައި ކުޅޭ މާސެލް ސަބިޓްޒާއަށް އަނިޔާވެސް ވެފައިވެ އެވެ. ތުރުކީ ކުޅުންތެރިންނަށް އެމަންޒަރުތައް ފެނުމުން އެތަނަށް އައިސް ސަޕޯޓަރުން ހުއްޓުވަން މަސައްކަތް ކުރިކަންވެސް ފާހަގަކުރެވެ އެވެ.
އޮސްޓްރިއާއަށް މެޗު ނިމެން ދަނިކޮށްވެސް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ތުރުކީގެ ކީޕަރުގެ ހުށިޔާރު ކަމުން އެ ބޯޅަ ވަނީ ސަލާމަތްކޮށްފަ އެވެ.