ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިއާގެ މައްޗަށް 3-1ގެ ނަތީޖާ އަކުން ކުރި ހޯދައި ތުރުކީ މޮޅުވެއްޖެ އެވެ.
ތުރުކީގެ މި މޮޅަކީ ފަހުގެ ތާރީހެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެންމެ ފަހުގެ ޔޫރޯގައި ވެސް ތުރުކީ އިން އެއްވެސް މެޗެއްގައި މޮޅު ނުވެ ގްރޫޕް ސްޓޭޖުން އެ ގައުމު ވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.
މެޗު ފެށިގެން ގޮސް ފުރަތަމަ ހާފުގެ ކުރީކޮޅު ތުރުކީން ވަރަށް އަވަސް ގޭމެއް ކުޅެމުން ދިޔަ އެވެ. އަދި ވަރަށް ރޭވުންތެރިކަމާއި އެކު ކުޅެމުން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ގޯލް ތުރުކީގެ މުލްދުރު އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.
ތުރުކީން ލަނޑެއް ޖެހުމާ ގުޅިގެން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖޯޖިއާ އިން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެ ތުރުކީގެ ޑިފެންސަށް ބާރުބޮޑު ކުރުވި އެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ޖޯޖިއާގެ ފޯވާޑް މިކާޓެޒް ކާމިޔާބު ކޮށްދިން ގޯލުން ޖޯޖިއާ އިން ވަނީ 1-1 އަކުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ގޯލު ވެގެން ދިޔައީ ޖޯޖިއާއިން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ގޯލަށެވެ. މި ގޯލާއި އެކުގައި މިކާޓެޒް ވަދެގެން މިދިޔައީ ޖޯޖިއާ ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ މެޗުގެ ކުޅުން ވަރަށް އަވަސްވެ ދެޓީމުން ވެސް އެޓޭކިން ގޭމެއް ކުޅެމުން ދަނިކޮށެވެ.
މި މެޗުގެ ދެވަނަ ހާފުގައި ތުރުކީން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފަ އެވެ. މެޗުގެ 65 ވަނަ މިނެޓުގައި ތުރުކީގެ ކާން އައިހަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަރްދާ ގުލާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ޖޯޖިއާއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެެހެންނަމަވެސް މެޗުގެ ފަހު ވަގުތު ތުރުކީން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފަ އެވެ.
ތުރުކީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅަ ހޯދައިގެންގޮސް ޖޯޖިއާގެ ގޯލަށް ވައްދާލައިގެން މި ގޯލު ތުރުކީއަށް ކާމިޔާބުކޮށްދިނީ ކެރެމް އަކްތުރުކޮގްލޫ އެވެ. މިއާއި އެކު މެޗު ނިމިގެން ދިޔައީ 1-3ގެ ނަތީޖާ އަކުން ތުރުކީ މެޗު ކާމިޔާބުކޮށްގެންނެވެ.