ދާހިލީ ހަމަނުޖެހުންތައް ގިނަ ޖޯޖިއާއަށް އުފާވެރިކަން ގެނުވައިދީ އެގައުމުގެ ރައްޔިތުން އެއްބައިވަންތަ ކުރުވައި އެގައުމަށް ފުޓުބޯޅައިގެ ބޮޑު އީދެއް އައިސްފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޖިއާ އަދި ޕޯޗުގަލް ވާދަކުރި މެޗު ޖޯޖިއާ އިން ކާމިޔާބު ކުރުމާ އެކު އެގައުމުގެ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު އުފާފާޅުކުރުމަށް މަގުތަކަށް ނިކުމެފައިވެ އެވެ.
ޖޯޖިއާގެ ހަޔާތުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އާއި ވާދަކުރި މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރަށްވެސް ދަތުރުކޮށްފަ އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖު ޖޯޖިއާ އިން ނިންމާލާފައިވަނީ ގުރޫޕުގެ ތިންވަނަ ހޯދައިގެންނެވެ.
ޔޫރޯ ފުޓް ބޯޅަ މުބާރާތަށް ޖޯޖިއާ ޓީމު ކޮލިފައިވީ ހިސާބުން އެ ގައުމުގެ ރައްޔިތުން ވަނީ ޖޯޖިއާ ޓީމުގައި ތިބީ ބަތަލުން ކަމުގައި ފާހަގަކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުންވެސް އެއީ އެ ޓީމުން ހޯދި ބޮޑު ކުރިއެރުމެއް ކަމުގައި ބުނަން ފަށާފަ އެވެ.
ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ޖޯޖިއާގެ ރައްޔިތުން ގެންދަނީ އެ ގައުމުގެ ވެރިރަށް ޓްބިލިސީގައި އެ ގައުމުގެ ދިދަ ހިފައިގެން މަގުމައްޗަށް ނިކުމެ ހަވާ އެރުވުމާއި އެކު އުފާފާޅުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ޖޯޖިއާގެ މިފަހަރުގެ ކާމިޔާބީ އަކީ އެގައުމުގެ މުޅި ހަޔާތުގައިވެސް ފުޓުބޯޅައިގައި އެގައުމުން ހޯދި އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީ އެވެ. މިއީ އެ ގައުމުގެ ފުޓުބޯޅައިގެ ތާރީހު މުޅިން ބަދަލުކޮށްލި ފަހަރެކެވެ.
ދުވަހަކުވެސް މި ވަރުގެ ބޮޑު ކާމިޔާބީއަކަށް އިންތިޒާރު ނުކުރާ ޖޯޖިއާ އިން މިހާރު ބޭނުންވަނީ ކުއާޓާ ފައިނަލުންވެސް ޖާގައެއް ހޯދާށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކް އައުޓް ބުރުގައި ޖޯޖިއާ ވާދަކުރަން ޖެހޭނީ ފުޓުބޯޅައިގެ ގަދަ ބާރު ސްޕެއިން އާއި ދެކޮޅަށެވެ.